މަސްވެރިކަމާއި ގުޅޭ

އޯސަން ލައިފް
އޯސަން ލައިފް

މިއީ"މަސްވެރިކަން"ނަގާ ކޮޅަށް ޖަހަންވީ ވަގުތު!

ކާބަފައިންގެ ޒަމާނުންފެށިގެން ދާދި ފަހަކާ ޖެހެންދެން ދިވެހިންގެ މައިގަނޑު މަސައްކަތީ މަސްވެރިކަމެވެ. ރާއްޖެއަށް ފަތުރުވެރިކަން ތައާރަފްވެ ފަތުރުވެރިކަން ފުޅާވުމާ ހަމައަށް ރާއްޖޭގެ އިޤްތިޞާދުގައި އެންމެ މުހިންމު ދައުރެއް އަދާކުރީ މަސްވެރިކަމެވެ. އޭރު މަސްވެރިކަމަކީ ރާއްޖޭގެ އިޤްތިޞާދުގެ މައި ތަނބެވެ. ދިވެހިންގެ "ލޭނާރު"ގެ ގޮތުގައި މަސްވެރިކަން ސިފަކޮށްފައިވަނީ ސަބަބުތަކެެއް ނެތިއެއް ނޫނެވެ. އޭރު ހަދާފައިވާ ބައެއް ލަވަ ތަކުގައި "މަސްވެެރިން ހިއްސާނުވާ ދެ ފުރާޅު ޖެއްސި ގެއެއް ނެތޭ' މިފަދަ ލަވަތަކުން ވެސް ރާއްޖޭގެ މަސްވެރިކަން އޮތް ހާލަތު ވަރަށް ރަނގަޅަށް ސިފަވެގެން ދެއެވެ.

ދިވެހިރާއްޖެއަށް ފަތުރުވެރިކަން ފުޅާވެ މިކަމުން ލިބޭ އާމްދަނީ އިތުރުވާން ފެށުމުން ސަރުކާރުގެ މުޅި ވިސްނުން ފަތުރުވެރިކަމަށް ބަދަލުކޮށް ފަރުރުވެރިކަން ކުރިއަރުވަން މަސައްކަތް ފެށިއެވެ. ރާއްޖޭގެ އެތައް ރަށެއް ރިޒޯޓްގެ ގޮތުގައި ތަރައްޤީކޮށް، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ރާއްޖޭގެ ފަތުރުވެރިކަން ޕްރަމޯޓް ކުރުމަށް އެތައް މިލިޔަން ރުފިޔާއެއް ހޭދަ ކުރަމުންދިޔައެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިވެހިރާއްޖޭގެ ފަތުރުވެރިކަން ޕްރަމޯޓްކުރަން ކުންފުނިތަކާއި ޖަމްއިއްޔާ ޖަމާއަތްތައް އުފެދިގެން ދިޔައެވެ. އޭގެ ނަތީޖާވެސް ވަރަށް ރަނގަޅެވެ. ދުނިޔޭގެ އެކި ހިސާބުތަކުގައި ދުނިޔެ މަތީ "ސުވަރުގޭ"ގެ ގޮތުގައި ރާއްޖެ ސިފަ ކުރެވެމުން ދިޔައެވެ. ނަތީޖާއެއްގެ ގޮތުން މަސްވެރިކަން ފަހަތައް ޖައްސާލުމަށްފަހު ޤައުމުގެ އިޤްތިޞާދުގެ މައި ތަނބަކަށް ފަތުރުވެރިކަން ވެގެން ދިޔައީއެވެ. ޤައުމުގެ މުޅި އިޤްތިޞާދު ފަތުރުވެރިކަމަށް ބަރޯސާވީއެވެ. ރަށްރަށުގައި ގެސްޓްހައުސްތައް އަޅާ ލޯކަލް ޓްއަރިޒަމް އެރަށްރަށުގައި ފުޅާވެގެން ދިޔައެވެ.

ރާއްޖޭގެ ޓޫރިސްޓް ރިސޯޓެއް/ ފޮޓޯ: މަސްވެރިން.އެމްވީ

ކަންމިހެން އޮއްވައި މުޅި ދުނިޔެއަށް ކުރިމަތިވި ކޮރޯރާ ވައިރަސް (ކޮވިޑް-19)ގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަން މުޅިން ހުއްޓުނެވެ. ޤައުމުތަކުގެ ބޯޑަރުތައް ބަންދުކޮށް އެޤައުމުތައް ފުރަބަންދުކުރިއެވެ. މިކަމުގެ ސަބަބުން ފަތުރުވެރިންނަށް ރާއްޖެ ނާދެވި، ފަތުރުވެރިކަމުން ލިބެމުންއައި އާމްދަނީ މުޅިން ހުއްޓުނީއެވެ. ރާއްޖޭގެ ހުރިހާ ރިސޯޓްތަކެއް ބަންދުކޮށް އެތައް ބައެއްގެ ވަޒީފާ ގެއްލުނެވެ. ގެސްޓްހައުސްތަކާއި ސަފާރީ އުޅަނދުތައްވެސް ހުއްޓުނީއެވެ. ޤައުމުގެ މުޅި އިޤްތިޞާދު ބިނާފައިވާ މައިގަނޑު މަސައްކަތް ހުއްޓުމާ ގުޅިގެން އިޤްތިޞާދީގޮތުން ޤައުމު ބޮޑު އަނދަވަޅަކަށް ވެއްޓުނީއެވެ. މިހާތަލަށް ދިޔަ ސަބަބުކަމަށް އިޤްތިޞާދީ މާހިރުން ވިދާޅުވަނީ ހަމައެކަނި ފަތުރުވެރިކަމަށް ބަރޯސާވެފައި އޮތް އޮތުމެވެ. މަސްވެރިކަން ކުރިއަރުވަން އޭރު މަސައްކަތް ނުކުރެވުނީމައެވެ. ފަތުރުވެރިކަމާ އެއްވަރަށް މަސްވެރިކަން ޕްރަމޯޓް ކުރެވުނު ނަމަ ޤައުމުގެ އިޤްތިޞާދު މިހާލަތައް ނުވެއްޓުނީސްކަން ޔަޤީނެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގައި ބޭނުންކުރާ ސަފާރީ އުޅަނދެއް/ފޮޓޯ: މަސްވެރިން.އެމްވީ

ފިޝަރީޒް މިނިސްޓްރީގެ ޑިރެކްޓަރ ޖެނެނަލް އާދަމް ޒިޔާދު ވިދާޅުވީ، ކޮވިޑް-19 މިވީ އެންމެންނަށްވެސް "ވޭކަޕް ކޯލް" އަކަށެވެ. މިކަމުން އަންގައިދެނީ ބޭރުގެ ޤައުމުތަކަށް ބަރޯސާވެގެން ތާ އަބަދު އޮވެވެން ނެތްކަން ކަމަށް ޒިޔާދު ވިދާޅުވިއެވެ.

"ކޮވިޑް-19ގެ ހާލަތާ އެއްކޮށް ޤައުމުގެ އިޤްތިސާދު މިވަނީ ބޮޑު އަނދަވަޅަކަށް ވެއްޓިފަ. މިހުރިހާ ދުވަހު ވިސްނިފަ އޮތީ ނޫނީ ޤަބޫލްކުރެވިފަ އޮތީ ފަތުރުވެރިކަމާއެކީ އަޅުގަނޑުމެންނަށް ހިފަހައްޓާލެވޭނެއޭ. ބޮޑަށް އިންވެސްޓް ކުރަންވީ އެ ދިމާލަށޭ. ދިވެހިރާއްޖޭގައި ފަތުރުވެރިކަން ކުރިއެރުވި ވަރަކަށް އަޅުގަނޑުމެން ބޭނުންވާ ވަސީލަތްތައް ތަރައްޤީ ކުރެވެމުން ދާނެއޭ. އެހެންނަމަވެސް ކޮވިޑް-19 މިވީ އަޅުގަނޑުމެން އެންމެންނަށްވެސް ވޭކަޕް ކޯލަކަށް. މިހާލަތާއެކު އެންމެންނަށްވެސް މި ފާހަގަކުރެވުނީ ބޭރުގެ ޤައުމުތަކަށް ބަރޯސާވެގެން އަބަދު ތިބެވެން ނެތްކަން. އެއާއެކު މަސްވެރިކަމާ ދަނޑުވެރިކަން ފުޅާކުރުމުގެ ވާހަކަތައް ވަރަށް ބޮޑަށް ދެކެވެމުން މިދަނީ". ޒިއާދު ވިދާޅުވިއެވެ.

މިހާލަތުގައިވެސް މަސްވެރިކަމަކަށް ބަދަލެއް ނާދެއެވެ. މަސްވެރިންްގެ ހިއްވަރަކަށްވެސް ބަދަލެއް ނާދެއެވެ. މަހަށް ފުރާ ފުރުމަކަށްވެސް ބަދަލެއް ނާދެއެވެ. ދޮށީގެ މަސްވެރިކަމާއި، ބޮޑުކަންނެލީގެ މަސްވެރިކަމާއި، ފާނައިގެ މަސްވެރިކުގެ އިތުރުން ފަރުމަހުގެ މަސްވެރިކަންވެސް ހުއްޓުމަކަށް ނާދެއެވެ. މަސްވެރިންގެ ހިއްވަރު ހުރިކަން މިދަނީ ސާބިތުކޮށްދެމުންނެވެ. މިއީ"މަސްވެރިކަން" ނަގާ ކޮޅަށް ޖަހަންވީ ވަގުތެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!