ތ. ގުރައިދޫ މަސްވެރިންގެ ފަރާތުން އެރަށުގެ ރައްޔިތުންނަށް ބޮޑު ބާބަކިއުއެއް ބާއްވައިފިއެވެ.
މިއީ ކޮންމެ އަހަރެއްގެވެސް އަޟްހާ އީދުގެ ހަރަކާތްތައް ނިންމާލުމުގެ ގޮތުން ގުރައިދޫގެ މަސްވެރިން އިސްނަގައިގެން ބާއްވާ ހަރަކާތެކެވެ. މިއީ މި ހަރަކާތް ބާއްވާ ހަތަރުވަނަ އަހަރެވެ.
މިކަން އިންތިޒާމްކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ގުރައިދޫ މަސްވެރިންގެ ޖަމިއްޔާގެ ފައުންޑާ މެމްބަރެއް ކަމުގައިވާ ސާމިރު މަންސާރު ބުނީ އެރަށުގެ ހުރިހާ މަސްވެރިންވެސް މިކަމުގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ. ގުރައިދޫގައި މަހަށްދާ 4 މަސް ދޯނި އޮވެއެވެ. މި ދޯނިތަކުގައި ޖުމްލަ 110 ވަރަކަށް މަސްވެރިން މަހަށްދާ ކަމަށް ސާމިރު ބުނިއެވެ.
މި ބާބަކިއުއަށް މަސް ހޯދާފައިވަނީ މިދިޔަ ހައްޖު ދުވަހު ބޭއްވި މަސްރޭސްގައި ބޭއްވި މަސްތައް އެއްކޮށްގެންނެވެ. އެގޮތުން ގާތްގަނޑަށް ދިހަ ވަރަކަށް ހިބަރާއި 600 އެއްހާ ފަރުމަސް ބާބަކިއުގައި ތައްޔާރުކޮށްފައިވާކަމަށް ސާމިރު ބުންޏެވެ.
&;
ސާމިރު ފާހަގަކުރިގޮތުގައި މި ހަރަކާތަށް ކޮންމެ އަހަރަކުވެސް ރަށުގެ ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބަކާއި އެއްބާރުލުމެއް ލިބެއެވެ.