އެމެރިކާގެ ނިއުޔޯކްގެ ކަނޑުގެ އައްސޭރީގެ ހިސާބުތަކުގައި މިޔަރު އިންސާނުންނަށް ހަމަލާދިނުމުގެ ހާދިސާތައް އިތުރުވެ، ބީޗްތައް ބެލެހެއްޓުމަށް ޑްރޯން ބޭނުންކުރަން ނިންމައިފިއެވެ.
މި ޕްރޮގްރާމަށް 1 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ބެލެވޭއިރު، 42 ޑްރޯން ގަތުމަށްވަނީ ނިންމާފައެވެ. މި ފަންޑުގެ ތެރެއިން އެންމެ ގިނަ އަދަދަކަށް ޑްރޯން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ ލޯންގް އައިލެންޑް ބީޗަށެވެ.
މިހާރު މި ޑްރޯންތައް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި ވީ އެންމެ އަވަހަކަށް ޑްރޯންތައް އެކި ހިސާބުތަކަށް ފޯރުކޮށްދިނުމަށް މަސައްކަތްކުރަމުންދާ ކަމަށްވެސް ސަރުކާރުން ހާމަކުރެއެވެ.
ޑްރޯން ބޭނުންކޮށްގެން ބީޗުތައް ބެލެހެއްޓުމަށް ނިންމާފައިމިވަނީ މިދިޔަ ހަފްތާތެރޭ ލޯންގ އައިލެންޑްގައި މިޔަރު ހަމަލާ ދިނުމުގެ 5 ހާދިސާއެއް ރިޕޯޓުކުރުމާ ގުޅިގެންނެވެ.
އަދި މި ހާދިސާތަކާއި ގުޅިގެން ބީޗްތައް ބެލެހެއްޓުމަށް ހަރަކާތްތެރިވާ ލައިފްގާޑުންގެ އަދަދުވެސް ވަނީ އިތުރުކޮށްފައެވެ.
މިދިޔަ އަހަރުތެރޭ އެމެރިކާގައި މިޔަރު ހަމަލާ ދިނުމުގެ 41 ހާދިސާއެއްވަނީ ރިޕޯޓުކޮށްފައެވެ. މީގެތެރެއިން 8 ހާދިސާއަކީ ނިއު ޔޯކްގައި ހިނގި ހާދިސާތަކެވެ.