މަދުން ނޫނީ ނުފެންނަ ބާވަތުގެ މަހެއް ބާނައިގެން އިންޑިއާގެ މަސްވެރިންތަކަކަށް ބޮޑު އާމްދަނީއެއް ލިބިއްޖެއެވެ.
އިންޑިއާގެ އަންދްރަ ޕްރަދޭޝްގެ މަސްވެރިންތަކެއް ބާނާފައިވަނީ ބްލެކް ސްޕޮޓަޑް ކްރޯކާ އެއް ނުވަތަ އެ ހިސާބުގެ މީހުން ކިޔާގޮތުން ނަމަ ކަޗިޑީ މަހެކެވެ. މިމަހުގެ ބަރުދަނުގައި 25 ކިލޯ ހުރި އިރު އެމަސް ނީލަމެއްގައި ވިއްކާލާފައިވަނީ 3.10 ލައްކަ ރުޕީސްއަށެވެ. މިއީ ގާތްގަނޑަކަށް 20197 ޑޮލަރެވެ.
ކަޗިޑީ މަސް އާއްމުކޮށް ފެންނަނީ ވެސްޓް ބެންގަލްގެ ކަނޑުގެ ސަރަހައްދުންނާއި ބަންގްލަދޭޝްގެ ކަނޑުގެ އައްސޭރިފަށުންނެވެ.
މިމަހަކީ އަގުބޮޑު މަހަކަށްވުމުން މިއަށް ގޯލްޑްފިޝް އޭ ވެސް ކިޔާއުޅެއެވެ. މީގެކުރިންވެސް ހަމަ އަންދްރަ ޕްރަދޭޝްގެ އެ ސަރަހައްދުން މި ބާވަތުގެ މަސް ބާނާފައިވެއެވެ. މިމަހަށް މިހާ ބޮޑު އަގެއް ލިބެނީ މިއީ ބޭސް ހަދާ ކުންފުނިތަކުން ގަންނަ މަހަކަށްވުމުންނެވެ.
އެގޮތުން އެކުންފުނިތަކުން އޭގެ މަސް ބޭނުންކޮށްގެން އެކި ކަހަލަ ބޭސްތައް ހަދައެވެ.