މި ސަރުކާރުން މަހުގެ އަގު ބޮޑު ނުކުރަނީ ރައްޔިތުން ނިކަމެތި ހާލުގައި ބައިތިއްބަން ކަމަށް އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވެއްޖެއެވެ.
ޓީވީ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން އެސްޓީއޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ ހުސެއިން އަމްރު ވިދާޅުވީ ކޮވިޑް-19ގައި ރާއްޖޭގެ ހުރިހާ ރަށެއް ހިފަހައްޓާލީ މަސްވެރިކަމުން ކަމަށެވެ. އެހެން ނަމަވެސް މަސްވެރިކަން ކުރިއަރައިގެން ދިޔަ ސަބަބު ހަނދާން ނައްތާލާފައި ކުއްލިއަކަށް މަހުގެ އަގު މި ސަރުކާރުން ތިރިކޮށްލީ ކަމަށެވެ.
"މަހުގެ އަގު ކުއްލިއަކަށް 20 ރުފިޔާއިން 16 ރުފިޔާއަށް ބަދަލުކޮށްލުމުން ވަރަށް ބޮޑަށް މަސްވެރިންނަށް ލިބެމުންދިޔަ އާމްދަނީ ވެއްޓިގެން ދިޔަ އޭރު ތެލުގެ އަގުހުރީ 16 ރުފިޔާއަށް ކަމަށާއި މިހެންވުމުން މަސްވެރިކަމުން ލިބެމުންދިޔަ އާމްދަނީން ދެކޮޅު ނުޖެހޭ" އަމްރު ވިދާޅުވިއެވެ.
އަމްރު ވިދާޅުވީ އޭނާ އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރު ކަމުގައި ހުންނެވިއިރުގައި މަހުގެ އަގު ދަށް ކުރުމަށް ސަރުކާރުން އިކޮނޮމިކް ކައުންސިލަށް ހުށަހެޅުމުން އަގު މިހާރު އޮތް ވަރުގައި ހިފެހެއްޓުމަށް ވަކާލާތު ކުރެއްވި ކަމަށެވެ. އަދި ހައްލަކީ ގަންނަ މަސް ބޮޑު އަގުގައި ވިއްކޭނެ ގޮތެއް ހޯދުން ކަމަށް ވިދާޅުވި ކަމަށެވެ. ނަމަވެސް އޭނާ ދެއްކި ވާހަކައަށް ސަރުކާރުގެ ފަރާތުން ތަރުހީބެއް ނުލިބުނު ކަމަށް އަމްރު ވިދާޅުވިއެވެ.
އަމުރު ވިދާޅުވީ ސަރުކާރުން މަހުގެ އަގު ބޮޑުނުކުރީ ސިޔާސީ ގޮތުން މަންފާއެއް ހޯދުމަށް ކަމަށާއި އެއީ މީހުން ނިކަމެތި ވީމަ މަސައްކަތް ކުރުމަށް ސަރުކާރަށް ފަސޭހަވާނެތީ ކަމަށެވެ. މަހުގެ އަގު ބޮޑު ކުރެވެން އެބައޮތް ކަމަށާއި ނަމަވެސް އެ މަސައްކަތް ނުކުރަނީ ރައްޔިތުން ނިކަމެތި ހާލުގައި ބައިތިއްބުވަން ކަމަށް އޭނާ ވިދާޅުވިއެވެ.