"އުތުރުން ދެކުނަށް" ޒުވާން މަސްވެރިޔާ ހަސަން ސާޖިން ކުރަމުންދާ ދަތުރުގައި މިވަގުތު ހުރީ ހދ. އަތޮޅުގެ 8ވަނަ މަންޒިލް ކަމުގައިހާ، ހދ. ހިރިމަރަދޫގައެވެ. ޒުވާން މަސްވެރިއާއަށް ހިރިމަރަދޫއިންވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ.
ޒުވާން މަސްވެރިޔާ ވަނީ ހއ ގެ ހުރިހާ ރަށަކަށް ދަތުރު ކޮށްފައެވެ. އަދި މިހާރު އެ ދަތުރު ކުރަމުން ދަނީ ހދ ގެ ރަށްރަށަށެވެ.
ޒުވާން މަސްވެރިޔާގެ މި ދަތުރު ހއ. ތުރާކުރުން ފަށާފައި ވަނީ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހުއެވެ.
އަދި މިހާރު ދަތުރަށް 6 މަސްވެފައިވާއިރު ހިރިމަރަދޫއަކީ ދަތުރުގެ 22ވަނަ މަންޒިލެވެ. މަސްވެރިން އެމްވީ އާއި ވާހަކަދައްކަމުން ސާޖިން ބުނީ ރަށްރަށާ ގުޅޭ ހުރިހާ މައުލޫމާތެއް ގެނެސްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.
" މިހާރު ކައުންސިލްތަކުންވެސް ބޮޑު އެއްބާރުލުމެއް އެބަ ލިބޭ، އެމީހުންނަށްވެސް މިހާރު އެބަ އެނގޭ މިއީ ކިހާބޮޑު މަސައްކަތެއްކަން، އަދި ރަށްރަށަށްވެސް ލިބޭ މިއީ ރަނގަޅު ފުރުސަތެއް އެރަށަކާއި ގުޅޭ ގިނަ މައުލޫމާތުތައް ގިނަ މީހުންނަށް ގެނެސްދިނުމަށް" ސާޖިން ބުންޏެވެ.
މި ދަތުރުގެ ތެރެއިން ޒުވާން މަސްވެރިޔާ ދަނީ ރަށްރަށާއި ގުޅޭ ތަފާތު އެކި މައުލޫމާތުތަައް ގެނެސްދެމުންނެވެ. އެގޮތުން އެކި ސިނާއަތްތަކުގައި މަސައްކަތް ކުރާ ފަރާތްތަކުގެ މައުލޫމާތު ފޯރުކޮށްދެމުންދާއިރު، ސުކޫލުތަކުގެ ދަރިވަރުންނާއި ބައްދަލުކޮށް މަސްވެރިކަމުގެ މައުލޫމާތުވެސް ފޯރުކޮށްދެއެވެ.
ޒުވާން މަސްވެރިޔާ ވެބްސައިޓް Zuvaan Masveriya | Maldives އިން ދަތުރުގެ ހުރިހާ އަދާހަމައެއް ފެންނަން ހުންނާނެއެވެ. އަދި ޒުވާން މަސްވެރިއާ ޔޫޓިއުބު ޗެނަލް އިން މި ދަތުރުގެ ވީޑިއޯތައް ފެންނާނެއެވެ.
ޒުވާން މަސްވެރިޔާ އާއި އެކު މަސައްކަތްކުރަމުންދަނީ 5 މެމްބަރުންގެ ޓީމަކުންނެވެ. ޒުވާން މަސްވެރިޔާ ސޯޝަލް މީޑިއާއަށް ދޫކޮށްލާ ވީޑިއޯތަކާއި ފޮޓޯތަކަށް ގިނަ ބައެއްގެ ސަމާލުކަން ދަނީ ލިބެމުންނެވެ.