އޮސްޓްރޭލިއާގެ ބީޗަކަށް ލެއްގި ގިނަ އަދަދެއްގެ ޕައިލޮޓް ވޭލްތަކެއް ސަލާތްކުރެވޭނެ ގޮތެއް ނެތުމުން މަރާލަން ޖެހިއްޖެއެވެ.
ވެސްޓަން އޮސްޓްރޭލިއާގެ ބީޗަކަށް އެންމެ ފުރަތަމަ ލެއްގީ 100 އެއްހާ ޕައިލޮޓްވޭލްއެވެ. އޭގެ ތެރެއިން 51 ވޭލް ޖެހިގެން އައި ދުވަހުވަނީ މަރުވެފައެވެ.
250 އަށް ވުރެ ގިނަ ވޮލެންޓިއަރުންނާއި މެރިން އެކްސްޕާޓުން ހިމެނޭ ޓިމަކުންވަނީ ބާކީ އިން 45 ވޭލް ސަމާލަތްކުރުމަށް ގިނަ މަސައްކަތްތަކެއްކޮށްފައެވެ. އެހެންނަމަވެސް އެ މަސައްކަތްވަނީ ކާމިޔާބުވާގޮތެއް ނުވެފައެވެ. އަދި މިހާރު ކެރެވެން އޮތް ކަމަކީ އެ އެއްޗެހި ގިނަ އިރުވަންދެން ވޭނުގައި އުޅުމަށްވުރެ ވޭންކުޑަ ގޮތަކަށް މަރާލުންކަމަށް ވެސްޓަން އޮސްޓްރޭލިއާގެ ޕާކްސް އެންޑް ވައިލްޑްލައިފް ސަރވިސްއިން ވަނީ ބުނެފައެވެ.
ވައިލްޑްލައިފް ރިސާޗަރއެއްކަމުގައިވާ ވެނިސާ ޕިރޮޓާ ބުނިގޮތުގައި މި އެއްޗެހި ލައްގަން ދިމާވި ސަބަބެއް އަދި ދެނެގަނެވިފައިނުވާކަމަށެވެ. އެހެންނަމަވެސް ލެއްގުމުގެ ކުރިން ހުރިހާ އެއްޗެއް އެކީގައި އުޅޭތަން ފެނިފައިވާ ކަމަށެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހުގެތެރޭގައި އޮސްޓްރޭލިއާގެ ޓެސްމޭނިއާގެ ބީޗަކަށްވަނީ 200 އެއްހާ ޕައިލޮޓްވޭލް ލައްގާފައެވެ. މީގެތެރެއިން ސަމާލަތްކުރެވުނީ އެންމެ 35 ވޭލްއެވެ.