ބޮޑު އޯފިޝްއެއް ޓައިވާންގެ ކަނޑުގެ ސަރަހައްދުގައި ފީނަން އުޅުނު ބަޔަކަށް ފެނިއްޖެއެވެ. އެމީހުންވަނީ މި އޯފިޝްއާއި އެކު ވީޑިއޯތައް ނަގާފައެވެ.
މިހާރު ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކުން ފެންނަ ގޮތުގައި އެ އޯފިޝްގެ ގައިގައި ނިޝާންތަކެއް ހުއްޓެވެ. ބޮޑަށް ބެލެވެނީ މިޔަރެއް ދަތްއަޅާފައިވާ ކަމަށެވެ.
ދިރިހުރި އޯފިޝްއެއް ފެނުމަކީ ވަރަށް މަދުން ނޫނީ ނުވާނެ ކަމެކެވެ. ސަބަބަކީ މިއީ ކަނޑުގެ ވަރަށް ފުނުގައި އުޅޭ މަހެކަށްވުމެވެ. މިމަހަކީ 56 ފޫޓަށް ބޮޑުވާ މަހެކެވެ. މިމަސް އާއްމުގޮތެއްގައި އުޅެނީ ކަނޑުގެ 656 އާއި 3200 ފޫޓު އަޑީގައެވެ.
ޓައިވާންގެ ކަނޑުގެ ސަރަހައްދުން ފީނަން އުޅުނު މީހުންނަށް ފެނިފައިވަނީ ގާތްގަނޑަކަށް 7 ފޫޓުގެ އޯފިޝްއެކެވެ. އަދި މީތި ފީނަން އުޅޭ މީހުން ތިބި ހިސާބަށް ތިލަވެފައިމިވަނީ އޭތި މަރުވާން ވެފައިވުމުންކަމަށް ފީނަން އުޅުނު ޑައިވިން އިންސްޓްރަކްޓަރވަނީ ބުނެފައެވެ.
ބައެއް މީހުން ގަބޫލުކުރާގޮތުގައި އޯފިޝް ލެއްގުން ނުވަތަ ތިލަ ހިސާބުތަކުން ފެނުމަކީ ތޫފާނެއް އަންނަން އުޅޭ ކަމުގެ ނިޝާނެކެވެ. އެގޮތުން 2011 ވަނަ އަހަރު މި ބާވަތުގެ މަހެއް މީހަކު ބާނާފައިވާއިރު، އޭގެ ދުވަސްތަކެއް ފަހުން ވަނީ ޖަޕަނަށް ބާރުގަދަ ބިންހެލުމެއް އަރާފައެވެ.