އެމެރިކާގެ ފްލޮރިޑާގެ ބީޗުތަކަށް މިއަހަރުގެ މިހާތަނަށް ރެކޯޑު އަދަދަކަށް ވެލާ ބިސް އަޅަން އަރައިފިއެވެ.
ހިސާބުތައް ދައްކާގޮތުން ފްލޮރިޑާގެ ޕާމް ބީޗް ކައުންޓީ އަށާއި ޑިސްނީގެ ވެރޯ ބީޗް ރިސޯޓަށް ވެލާ ބިސް އަޅަން އެރި މިންވަރުވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެގޮތުން ވެރޯ ބީޗަށް އަހަރުގެ މިހާތަނަށް 2000އަށްވުރެ ގިނަ ވެލާ އަރާފައިވާއިރު، އާއްމުގޮތެއްގައި އަހަރެއްގެތެރޭ އެވްރެޖް އަދަދު އުޅެނީ 1500ގައެވެ.
ވެލާ ބިސް އަޅަން އަރާ މޫސުމަކީ މަރޗުމަހުން ފެށިގެން އޮކްޓޫބަރުގެ ނިޔަލަށެވެ.
ލޮގާހެޑް މެރިންލައިފް ސެންޓަރއިންވެސް ބުނެފައިވާގޮތުގައި ޖޫނޯ ބީޗަށްވެސް ވެލާ ބިސް އަޅަން އަރާމިންވަރު ރެކޯޑުއަދަދަށް ވަނީ އިތުރުވެފައެވެ. އެގޮތުން މިހާތަނަށް 20998 ބިސްވަޅު ފެނިފައިވާކަމަށް އެ ސެންޓަރުން މައުލޫމާތުދެއެވެ.
ފްލޮރިޑާގައި ދަނީ ވެލާ ހިމާޔަތްކޮށް އޭގެ އާބަދީ އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ވެލާ ބިސް ވަޅުތައް ބެލެހެއްޓުމާއި، ފީވެގެން ނިކުންނަ ކުދި ވެލާތައް މޫދަށް ދިޔުމާއި ހަމައަށް ރައްކާތެރި މާހައުލެއް ޤާއިމްކޮށްދެވޭތޯ ހާއްސަ ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ.