ވެސަލް މޮނިޓަރިންގ ސިސްޓަމް ހަރުކޮށްފައިނުވާ މަސްވެރި އުޅަނދުފަހަރުތަކާއި މެދު ފިޔަވަޅު އެޅުމަށް ފިޝަރީޒް މިނިސްޓްރީން ނިންމައިފިއެވެ.
ފިޝަރީޒް މިނިސްޓްރީންދަނީ ލައިސަންސް ލިބިގެން ކަނޑުމަހުގެ މަސްވެރިކަމުގައި ހަރަކާތްވެރިވަމުންދާ އުޅަނދުފަހަރުގެ ޙަރަކާތްތައް ވެސަލް މޮނިޓަރިންގ ސިސްޓަމް މެދުވެރިކޮށް ބެލުމުގެ މަސަކަތް 2020 ވަނަ އަހަރުން ފެށިގެން ކުރަމުންނެވެ.
މިޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ ދޮށީގެ މަސްވެރިކަމާއި ބޮޑުކަންނެލީގެ އަތުނަނުގެ މަސްވެރިކަމުގައި ހަރަކާތްތެރިވަމުންދާ އުޅަނދުފަހަރާއި އެއުޅަނދުފަހަރުގައި ހަރަކާތްތެރިވާ ފަޅުވެރިންގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކޮށްދިނުމާއި ބައިނަލްއަޤްވާމީ ގޮތުން ދިވެހިރާއްޖޭގެ މައްޗަށް ލާޒިމުވާ ވެސަލް ޓްރެކިންގ ނިޒާމެއްގެ ތެރެއިން މަސްވެރިކަމުގެ ހަރަކާތްތައް މޮނިޓަރކޮށް ބެލެހެއްޓުން ހަރުދަނާކުރުމެވެ.
ކަނޑުމަހުގެ މަސްވެރިކަން ރާވައި، ހިންގައި، ބެލެހެއްޓުމާ ބެހޭ ގަވާއިދުގެ ދަށުން، ކަނޑުމަހުގެ މަސްވެރިކަން ކުރުމުގައި ހަރަކާތްތެރިވާ އުޅަނދުފަހަރުގެ ތެރެއިން ދިގުމިނުގައި 18 މީޓަރު (59 ފޫޓު) ހަމަވާ ހުރިހާ އުޅަނދުތަކުގައި މިނިސްޓްރީއިން ކަނޑައަޅައިފައިވާ ގޮތުގެ މަތިން ވެސަލް ލޮކޭޓިންގ ޑިވައިސް (ވީ.އެލް.ޑީ) ހަރުކުރުމަކީ ކަނޑުމަހުގެ މަސްވެރިކަން ކުރުމަށް ދޫކުރެވިފައިވާ މަސްވެރިކަމުގެ ލައިސަންސްގެ ޝަރުތެކެވެ.
ލައިސަންސް ލިބިގެން މަސްވެރިކަމުގައި ހަރަކާތްތެރިވާ އުޅަނދުފަހަރުގެ ތެރެއިން ދިގުމިނުގައި 18 މީޓަރަށްވުރެ ބޮޑެތި އުޅަނދުފަހަރުން މަސްވެރިކަން ރާވައި ހިންގައި، ބެލެހެއްޓުމާ ބެހޭ ގަވާއިދުގައި ކަނޑައަޅާފައިވާ ގޮތުގެމަތިން ވީ.އެލް.ޑީ ހަރުކޮށްފައި ނުވުން ބެލެވޭނީ އެއުޅަނދަކުން މަސްވެރިކަމުގެ ލައިސަންސްގެ ޝަރުތަކާ ޚިލާފުވުންކަމުގައިކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ.
އަދި 30 އޮކްޓޫބަރު 2023 އިން ފެށިގެން، ދިގުމިނުގައި 18 މީޓަރު ހަމަވާ އުޅަނދުތަކުން ވީ.އެލް.ޑީ ހަރުކޮށްފައި ނުވާނަމަ، އަދި އެއުޅަނދުގެ ޓްރެކް މިނިސްޓްރީއަށް ނުފެންނަ ނަމަ، އެއުޅަނދަށް ދޫކޮށްފައިވާ ކަނޑުމަހުގެ މަސްވެރިކަން ކުރުމުގެ ލައިސަންސް އެއުޅަނދެއްގައި ވީ.އެލް.ޑީ ހަރުކުރެވި އުޅަނދުގެ ޓްރެކް މިނިސްޓްރީއަށް ލިބެން ފެށުމާއި ހަމައަށް ސަސްޕެންޑް ކުރެވޭނެކަމަށް ފިޝަރީޒް މިނިސްޓްރީން ވިދާޅުވެއެވެ.
މިހާތަނަށް ވީ.އެލް.ޑީ ހަރުކޮށްފައިނުވާ އުޅަނދުތަކުންނާއި ވީ.އެލް.ޑީ އެކްޓިވޭޓްކޮށްފައިވާ ނުވާ އުޅަނދުފަހަރުން އުރީދޫގެ ހޮޓްލައިން 221 (ދިރާގު ނަންބަރުތަކުން 9613221) އަށް ގުޅުއްވާ ވީ.އެލް.ޑީ ހަރުކުރުމުގެ ކަންކަން ވީ އެންމެ އަވަހަކަށް ނިންމުމަށް ފިޝަރީޒް މިނިސްޓްރީންވަނީ އަންގާފައެވެ.
އަދި އެއްވެސް ސަބަބަކާއި ހުރެ އުޅަނދުގެ ޓްރެކް މިހާރު ފެންނަމުންނުދާ އުޅަނދުފަހަރު އުރީދޫގެ ހޮޓްލައިންއަށް ގުޅައި އެމައްސަލަތަކަށް ހައްލު ހޯދުމަށްވެސް އެ މިނިސްޓްރީންވަނީ އަންގާފައެވެ.
One Response
އުރީދޫއަށް ގުޅިޔަށް ތިމައްސަލައަށް ހައްލެއް ނުލިބެ.