ދެއްވަދޫ ބަނދަރު، ފޮޓޯ- ދެއްވަދޫ ފޭސްބުކް ޕޭޖް
ދެއްވަދޫ ބަނދަރު، ފޮޓޯ- ދެއްވަދޫ ފޭސްބުކް ޕޭޖް

ވީ.އެލް.ޑީ ހަރުކުރުމުގައި ހުރަހެއް އޮތްނަމަ މިނިސްޓްރީން އެހީވަނީ

މިހާތަނަށް 90 އުޅަނދެއްގައި، ވީ.އެލް.ޑީ ހަރުކޮށްފައިނުވާ ކަމަށް ފިޝަރީޒް މިނިސްޓްރީން ހާމަކޮށްފިއެވެ.

ފިޝަރީޒް މިނިސްޓްރީން ލައިސަންސް ލިބިގެން ކަނޑުމަހުގެ މަސްވެރިކަމުގައި ހަރަކާތްތެރިވަމުންދާ އުޅަނދުފަހަރުގައި ބޭނުންކުރުމަށް ވެސަލް ލޮކޭޓިންގ ޑިވައިސް (ވީ.އެލް.ޑީ) ހިލޭ ފޯރުކޮށްދީ ހަރުކޮށްދިނުމުގެ މަސައްކަތް، އުރީދޫ މޯލްޑިވްސް މެދުވެރިކޮށް، 2020ވަނަ އަހަރުން ފެށިގެން ފިޝަރީޒް މިނިސްޓްރީން ދަނީ ކުރަމުންނެވެ.

މިގޮތުން، ކަނޑުމަހުގެ މަސްވެރިކަން ކުރުމުގެ ލައިސަންސް ލިބިފައިވާ 534 އުޅަނދުގެ ތެރެއިން 318 އުޅަނދަކުން މިހާރު ވަނީ ވީ.އެލް.ޑީ ހަރުކޮށްފައެވެ. ކަނޑުމަހުގެ މަސްވެރިކަންކުރާ މަސްވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަދި ކަނޑުމަހުގެ މަސްވެރިކަމުގެ ހަރަކާތްތައް މޮނިޓަރކޮށް ބެލެހެއްޓުމަށްޓަކައި އުޅަނދުފަހަރުގައި ވީ.އެލް.ޑީ ހަރުކޮށް ވެސެލް ޓްރެކިންގ ނިޒާމެއް ގާއިމްކޮށް ހިންގުމަށް ރާއްޖޭގެ މައްޗަށް ލާޒިމެވެ. އަދި މަތީ އަގުލިބޭ ޔޫރަޕިއަން ޔޫނިއަންފަދަ ބޭރުގެ ބާޒާރުތަކަށް ރާއްޖޭގެ މަހުގެ އުފެއްދުންތައް ވިއްކުމަށްޓަކާވެސް މިއީ ކުރަން ޖެހިފައިވާ ކަމެއް ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ.

ކަނޑުމަހުގެ މަސްވެރިކަން ރާވައި، ހިންގައި، ބެލެހެއްޓުމާ ބެހޭ ގަވާއިދުގެ ދަށުން ކަނޑުމަހުގެ މަސްވެރިކަމަށް ލައިސަންސް ނަގާފައިވާ، ދިގުމިނުގައި 18 މީޓަރު ހަމަވާ  ހުރިހާ އުޅަނދެއްގައި ވީ.އެލް.ޑީ ހަރުކުރަންޖެހެއެވެ. ނަމަވެސް ކަނޑުމަހުގެ މަސްވެރިކަން ކުރުމުގައި ހަރަކާތްތެރިވާ މިދިގުމިނުގެ އުޅަނދުތަކުގެ ތެރެއިން 90 އުޅަނދެއްގައި، އެކިއެކި ސަބަބުތަކަށްޓަކާ، މިއަދާއި ހަމައަށްވެސް ވީ.އެލް.ޑީ ހަރުކޮށްފައިނުވާތީ، އޮކްޓޫބަރު 30ވަނަ ދުވަހުގެ ކުރިން ވީ.އެލް.ޑީ ހަރުކުރުމަށް ފިޝަރީޒް މިނިސްޓްރީން ވަނީ އިރުޝާދު ދީފައެވެ.

އަދި މި މުއްދަތުގެ ކުރިން ވީ.އެލް.ޑީ ހަރުކުރުމުގައި ގޮންޖެހުންތަކެއް ހުރިކަމަށް ބައެއް އޮޑިވެރިން ފާހަގަކޮށް އެކަން ފިޝަރީޒް މިނިސްޓްރީގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށެވެ.

އެހެންކަމުން ދިގުމިނުގައި 18 މީޓަރު ހަމަވާ އުޅަނދުފަހަރުގެ ތެރެއިން އެއްވެސް އުޅަނދަކަށް 30 އޮކްޓޫބަރު 2023ގެ ކުރިން ވީ.އެލް.ޑީ ހަރުކުރުމުގެ މަސައްކަތް ނިންމުމަށް އެއްވެސް ހުރަހެއް ކުރިމަތިވާނަމަ އެކަން އުޅަނދުގެ ނަމާއި ރަޖިސްޓްރޭޝަން ނަންބަރާއެކު، ފިޝަރީޒް މިނިސްޓްރީއަށް އެންގުމަށްވެސް ވަނީ އެދިފައެވެ. މިގޮތަށް ފޮނުވާ ލިޔުން މިނިސްޓްރީގެ އީމެއިލް ނުވަތަ ވައިބަރ ނަމްބަރު 7928721އަށް ފޮނުވަނަށްވެސް އެމިނިސްޓްރީން ވަނީ އެދިފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!