nazim

ވެރިކަން ލިބިއްޖެނަމަ މިޔަރުގެ މަސްވެރިކަން ކުރަން ހުއްދަ ދޭނަން: ނާޒިމް

އެމްއެންޕީއަށް ވެރިކަން ލިބިއްޖެނަމަ މިޔަރުގެ މަސްވެރިކަން ކުރަން ހުއްދަ ދޭނެ ކަމަށް އެ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ނާޒިމް މިހެން ވިދާޅުވީ ރިޔާސީ ކެމްޕޭނަށް ބައެއް އަތޮޅުތަކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި މާލެ ވަޑައިގެން ނޫސްވެރިންނާ ބައްދަލު ކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ނާޒިމް ވިދާޅުވީ، މިޔަރުގެ މަސްވެރިކަމާއި ލޭނުގެ މަސްވެރިކަން ހުޅުވާލައި، ފައިދާ ހޯދުމުގެ މަގު ހުޅުވާލާނެ ކަމަށެވެ. އެކަން މިނިފެސްޓޯގައިވެސް ހިމަނާފައި ވާނެކަން ފާހަގަ ކުރައްވައި ނާޒިމް ވިދާޅުވީ މިޔަރުގެ މަސްވެރިކަމުން ނަފާ ހޯދައިދެއްވާނެ ކަމަށެވެ.

ރައްޔިތުންނަށް ހައްގު މިންވަރަކީ ހަމައެކަނި ދޮށީގެ މަސްވެރިކަން ކުރުން ނޫން ކަމަށް ނާޒިމް ވިދާޅުވިއެވެ.

އޭގެ އިތުރުން ނާޒިމް ވިދާޅުވީ އެމްއެންޕީގެ ވެރިކަމެއްގައި ލޭނުގެ މަސްވެރިކަން ކުރާނެ ސަރަހައްދެއް ކަނޑައަޅައިދެއްވާނެ ކަމަށެވެ. އަދި އަހަރަކު ހަތަރު މަސްދުވަހު މިޔަރުގެ މަސްވެރިކަން ކުރެވޭނެ އުސޫލެއް ކަނޑައަޅާނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!