މަސްވެރިކަމާއި ގުޅޭ

ގިނިމަސް - ފޮޓޯ: ޕިންޓްރެސްޓް

ގިނިމަސް

ގިނިމަހަކީ ރަތްމަހާއި އެއް ސިފައަކަށް ހުންނަ، ރަތްމަހަށްވުރެ ކުޑަ އިސްކޮޅެއްގެ މަހެކެވެ.

މިމަސް އެންމެ ބޮޑުވަނީ 50 ސެންޓިމީޓަރަށް ކަމުގައިވިޔަސް ގިނައިން ފެންނަ މިބާވަތުގެ އެންމެ ބޮޑެތި މަހުގައި ހުންނަނީ 25 ސެންޓިމީޓަރެވެ. ރާއްޖޭގެ ފަރުފަޅުތަކުގެ ބޭރުގައި ވަރަށް ގިނަ އަދަދަކަށް މިބާވަތުގެ މަސް އުޅެއެވެ. އަދި ރޭގަނޑުކުރާ ފަރުމަހުގެ ކެޔޮޅުކަމުގައި ބާނާ ބާވަތްތަކުގެ ތެރޭގައި ގިނިމަސް ބޭނިފައި ހުންނަލެއް ގިނަކަން ފާހަނގަކުރެވެއެވެ. މިއީ ދިވެހިން ކައިއުޅޭ މީރުމަހެކެވެ.

މަހުގެ ބުރިކަށިމަތީ ކޮތަރިބައިގައ 10 ހަރުކައްޓާއެކު 13 ނުވަތަ 14 މަޑުކަށި ހުރެއެވެ. ބަނޑުދަށްފަރާތު ކޮތަރިބައިގައި 3 ހަރުކައްޓާއެކު 8 މަޑުކަށި ހުރެއެވެ. ކަންފަތްގަނޑުގައި 16 ނުވަތަ 17 މަޑުކަށި ހުރެއެވެ. މަހުގެ ނިގޫފަތް ވަރަށް ބޮޑަށް ކަފިވެފައި ނިގޫފަތުގެ ކޮޅު ވަށްވާނެއެވެ.

މި މަހުގެ ކުލައަކީ މުށިރަތްކުލަ އެކެވެ. ޢާންމުގޮތެއްގައި މިބާވަތް ގިނައިން އުޅެނީ އިންޑިއާ ކަނޑާއި ޕެސިފިކް ކަނޑުގެ ހޫނު ހިސާބުތަކުގައެވެ. ބައެއް ފަހަރު ފަހަރަށް ވަރަށް ތިލަ ބޭރުމަތީގައި އައިން ހަދައިގެން އުޅެއެވެ. މަހުގެ ކާނާއަކީ ކުދިމަހާއި، ކަކުނި ފާޑުގެ ސޫތްޕާއި ބޯވަދިލަމަހެވެ. ގިނިމަސް ޢާންމުކޮށް އުޅެނީ 6 މީޓަރާއި 30 މީޓަރާއި ދެމެދުގެ ފުންމިނުގައި ކަމުގައިވިޔަސް ބައެއްފަހަރު މިއަށްވުރެ ތިލަ ހިސާބުތަކުންވެސް ގިނިމަސް ފެނެއެވެ.

މަސްދަރު: ފިޝަސް އޮފް ދަ މޯލްޑިވްސް، މޯލްޑިވްސް މެރިން ރިސާޗް ސެންޓަރ، 2003
އިނގިރޭސި ނަން: Humpback red snapper
އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!