ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވިއްޖެ ނަމަ، މަސްވެރިންނަށް ލޯނު ލިބޭނެ ގޮތެއްް ހަމަޖައްސާދޭނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މުއިއްޒު މިހެން ވިދާޅުވީ ރިޔާސީ ކެމްޕެއިނަށް ފ. އަތޮޅަށް ކުރައްވާ ދަތުރުގައި ނިލަންދޫގައި ބޭއްވި ޖަލްސާގައެވެ.
މި ޖްލަސާގައި މުއިއްޒު ވިދާޅުވަނީ ކުރިއަށް އޮތް ފަސް އަހަރަށް ވެރިކަމަށް ހޮވިވަޑައިގެންފި ނަމަ، މަސްވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ކުރައްވާނެ ބައެއް ކަންކަން އިއުލާން ކުރައްވައިފައެވެ.
އެގޮތުން މުއިއްޒު ވިދާޅުވީ މަސްވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ މީހުންނަކީ ބޭންކުތަކަށް ގޮސްފި ނަމަ، ލޯން ލިބޭ ބައެއް ނޫން ކަމަށެވެ. އެހެން އިންޑަސްޓްރީތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ލޯން ލިބޭ އިރު، މަސްވެރިންނަށް ލޯން ނުލިބެނީ އެއީ މުވައްޒަފުން ގޮތުގައި ބޭންކުތަކުން ބަލައިނުގަންނާތީ ކަމަށް ވިދާޅުވިއެވެ.
އެގޮތުން ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތަކާއި ތައާރަފް ކުރަން ޖެހޭ އެކިކަހަލަ ޑޮކިއުމަންޓްސްތައް ތައާރަފްކޮށްގެން މަސްވެރިންގެ ހާއްސަ ދަފްތަރެއް އެކުލަވާލައިގެން އެ ދަފްތަރުގައި ރަޖިސްޓްރީވާ ކޮންމެ މަސްވެރިއަކީ މުވައްޒަފުން ގޮތުގައި ބަލައިގަނެ، ބޭންކްތަކުން ފަސޭހަކަމާއެކީގައި ލޯން ލިބޭ ގޮތް ފަހިކޮށްދޭނެކަމަށް މުއިއްޒު ވިދާޅުވިއެވެ.
މި ޖަލްސާގައި މުއިއްޒުވަނީ ދ. އަތޮޅުގެ މާދެލިއަކީ މަސް ކިރުވައި އަދި މަސް ބަންދު ކުރާ ކާރުހާނާއަކަށް ބަދަލުކޮށްލާނެ ކަމަށް ވިދާޅުވެފައެވެ. އަދި މީގެން ސަބަބުން އެ ސަރަހައްދުގެ މަސްވެރިންނަށް ގިނަ ފަސޭހަތަކެއް ލިބިގެންދާނެކަން މުއިއްޒު ފާހަގަކުރެއްވިއެވެ.
One Response
Masverin thibee loan nagaa dharaa vikifa.