Screenshot 2023-08-29 111742

ކޫއްޑޫ އާއި ވިލިނގިލި ބުރިޖަކުން ގުޅާލައި، ކޫއްޑޫ މަސް ފެކްޓަރީއަށް ޒާމާނީ ބަދަލުތަކެއް ގެންނާނަން : ނާޒިމް

އެމްއެންޕީގެ ވެރިކަމެއްގައި ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ ކޯލްޑް ސްޓޯރޭޖް 10000 ޓަނަށް އިތުރުކޮށްދީ، ދަޅުގައި މަސް ބަންދުކުރާ ފެކްޓަރީއެއް އެރަށުގައި ޤާއިމްކޮށްދެއްވާނެ ކަމަށް އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ވިލިނގިލީގައި އޮތް ކެންޕޭނު ޖަލްސާގައި ވާހަކަދައްކަވަމުން ނާޒިމްވަނީ އެ ސަރަހައްދުގެ މަސްވެރިކަން ކުރިއެރުވުމަށްޓަކައި، ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްއަށް ގެންނާނެ ބައެއް ބަދަލުތަކުގެ ތަފްސީލްތައް ދެއްވާފައެވެ.

އެގޮތުން އެރަށުގެ ކޯލްޑް ސްޓޯރޭޖް ބޮޑުކުރުމާއި، ދަޅުގައި މަސް ބަންދުކުރާ ފެކްޓްރީއެއް ގާއިމު ކޮށްދިނުމުގެ އިތުރަށް،  ކޫއްޑޫ ބަނދަރަށް އެއްފަހަރާ 1500 ޓަނުގެ މަސް ކިރޭނެ ގޮތަށް ތަރައްގީ ކުރައްވާނެ ކަމަށް ނާޒިމް ވިދާޅުވިއެވެ.

މި ސަރުކާރުން މަސްވެރިކަމުގެ ސިނާއަތަށް އަޅާނުލައި، ދޫކޮށްލާފައި އޮތްކަން ފާހަގަކުރައްވާ ނާޒިމް ވިދާޅުވީ، މަސްވެރިކަމަށް ނުކުންނަން ތިބި ޒުވާނުން މިއަދު ތިބީ ސަރުކާރު ކުންފުނިތަކުގައި "ކަސްތޮޅު" އެޅިފައި ކަމަށެވެ.

ނާޒިމް ވިދާޅުވީ އެމްއެންޕީގެ ސަރުކާރެއްގައި މަސްވެރިކަމަކީ ނަފާވާނެ ދާއިރާއަކަށް ހަދައިދޭނެ ކަމަށެވެ. އެގޮތުން މަސްވެރިކަން ކުރަން ބޭނުންވާ މީހުންނަށް މަސް އޮޑިތައް ބަނދެދީ، ދިގުމުއްދަތަށް ފައިސާ ދައްކާގޮތަށް ދޫކުރާނެ ކަމަށް ނާޒިމް ވިދާޅުވިއެވެ.

އަދި، އޮޑިފަހަރަށް ބޭނުންވާ ފެން ފިނިކުރާ ނިޒާމާއި، ބްރައިން ފްރީޒިން ޓޭންކު ވެސް އެ އުސޫލުން ލިބޭނެ ގޮތް ހެދުމަށް ވައުދުވެވަޑައިގަތެވެ.

މި ޖަލްސާގައި ނާޒިމްވަނީ ކޫއްޑޫއާއި ވިލިނގިލި ބްރިޖަކުން ގުޅާލަދީ އިޤްތިސާދީގޮތުން ވިލިނގިލިއަށް ބޮޑެތި ކުރިއެރުންތަކެއް ގެނެސްދެއްވާނެ ކަމަށްވެސް ވިދާޅުވެއެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!