ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް ގައުމީ މޫސުމާ ބެހޭ އިދާރާ (މެޓް) އިން މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ
މެޓް އޮފީހުން ސަމާލު ނެރިފައިވަނީ މިއަދު ހެނދުނު 06:00 އިން މެންދުރު 12:00 އަށެވެ.
މެޓް އޮފީހުން ބުނެފައިވަނީ ބޯކޮށް ވާރޭވެހުމާއިއެކު ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
Alert white for heavy rain and thunderstorms with gusts of 40 mph. pic.twitter.com/NYaBVnO72U
— Maldives Meteorology (@MetMaldives) September 1, 2023
މި ސަމާލު ނެރުމަށްފަހު މެޓް އޮފީހުންވަނީ ކ. އަތޮޅުން ފެށިގެން ލ.އަތޮޅަށް ރީނދޫ ސަމާލުވެސް ނެރެފައެވެ. މި ސަމާލު ނެރެފައިވަނީ މިއަދު ހެނދުނު 6:20 އިން ހެނދުނު 9:00 އަށެވެ.
މިއީ ރާއްޖެއަށް ހުޅަނގު މޫސުމެވެ. އެގޮތުން މިހާރު މިއީ ހުޅަނގު މޫސުމުގެ 11ވަނަ ނަކަތް ކަމުގައިވާ "ފުރަ" ނަކަތެވެ.
ފުރަ ނަކަތަކީ އޮގަސްޓްމަހުގެ 24 ވަނަ ދުވަހުން ފެށިގެން ސެޕްޓެމްބަރުމަހުގެ 6 ވަނަ ދުވަހުގެ ނިޔަލަށް ދެމިގެންދާ ނަކަތެކެވެ.
މި ނަކަތުގައި ދޭތެރެދޭތެރެއިން ވިއްސާރަކުރާނެއެވެ. މި ނަކަތާއެކު ހުޅަނގު މޫސުމުގެ އެންމެ ގަދަ ދުވަސްތައް ނިމުމަކަށް އަންނާނެއެވެ.