ދ. ކުޑަހުވަދޫގެ މަސްވެރިންނަށް ކަނދުފަތި އަޅާދިނުމަށް އެރަށު ކައުންސިލުން އެއްވެސް މަސައްކަތެއްކޮށްފައިނުވާކަމަށް ބުނެ ސަރުކާރުގެ ޒިންމާދާރު މަޤާމެއްގައި ހުރި ބޭފުޅަކު ދޮގު މައުލޫމާތު ފަތުރައި، ކަމުގެ ހަޤީގަތް އޮޅުވާލުމަށް މަސައްކަތްކުރަމުންދާކަމަށް އެރަށު ކައުންސިލުން ހާމަކޮށްފިއެވެ.
ކައުންސިލުން ނެރުނު ނޫސްބަޔާނެެއްގައި ބުނެފައިވަނީ މިކަމުގެ ހަޤީގަތް ކައުންސިލުން ރައްޔިތުންނަށް ހާމަކޮށްދޭން ބޭނުންވާ ކަމަށެވެ.
ކުޑަހުވަދޫއަކީ މަސްވެރިކަން ކުރާ އޮޑިދޯނިފަހަރު ގިނަ ރަށަކަށްވެފައި، ގިނަ އަދަދަކަށް ކުދި އުޅަނދުފަހަރުގައި މަސްވެރިކަންކޮށް އެކަމުން އާމްދަނީ ހޯދަމުންދާ މަސްވެރިންތަކެއް ދިރިއުޅެމުންދާ ރަށެކެވެ.
ކައުންސިލުން ވިދާޅުވީ އެ ފަރާތްތަކަށް އަމާޒްކޮށްގެން، ކުޑަހުވަދޫ އާއި 5 މޭލު ކައިރީ ހިސާބެއްގައި އޮއިވާލި ކަނދުފައްޗެއް އަޅައި ދެއްވުމަށް ފިޝަރީޒް މިނިސްޓްރީއަށް ކުޑަހުވަދޫ ކައުންސިލް އިދާރާއިން 2021ވަނަ އަހަރުގެ ޖުލައިމަހު ސިޓީއަކުން އެދިފައިވާކަމަށެވެ.
މީގެއިތުރުން ކުޑަހުވަދޫގެ މަސްވެރިންނަށް ދިމާވާ ދަތިތަށް ހައްލުކޮށްދިނުމުގައި އެ ކައުންސިލުން ދަނީ މަސައްކަތްތަކެއް ކުރަމުން ކަމަށާއި، އެގޮތުން ކުޑަހުވަދޫ ބޭރުކަނޑުގައި އަޅާފައިވާ އޮއިވާލި ކަނދުފަތީގެ ބޮއިތަކާއި ދާތަށް ކަނޑައިގެން ގޮސްފައިވާތީ، އެކަން ފިޝަރީޒް މިނިސްޓްރީގެ ސަމާލުކަމަށް ގެނެސް، މިއަހަރުގެ އޭޕްރީލްމަހު އެކަން ހައްލުކުރެވިފައިވާ ކަމަށެވެ.
ކުޑަހުވަދޫގެ މަސްވެރިންނަށް ކަނދުފަތި އަޅާދިނުމަށް އެ ކައުންސިލުން އެއްވެސް މަސައްކަތެއް ކޮށްފައިނުވާކަމަށް ބުނެ ސަރުކާރުގެ ޒިންމާދާރު މަޤާމެއްގައި ހުރި ބޭފުޅަކު ދޮގު މައުލޫމާތު ފަތުރައި، ކަމުގެ ހަޤީގަތް އޮޅުވާލުމަށް މަސައްކަތްކުރަމުންދާތީ،މި ފަދަ ދޮގު މައުލޫމާތު ނުފެތުރުމަށް ކައުންސިލުންވަނީ އެދިފައެވެ.