ހުޅަނގު މޫސުމުގެ ބާރަވަނަ ނަކަތް "އުތުރަ" ނިމި، "އަތަ" ނަކަތް ފެށިއްޖެއެވެ.
އަތަ ނަކަތަކީ ސެޕްޓެމްބަރުމަހުގެ 21 ވަނަ ދުވަހުން ފެށިގެން އޮކްޓޯބަރުމަހުގެ 3ވަނަ ދުވަހުގެ ނިޔަލަށް ދެމިގެންދާ ނަކަތެކެވެ.
މި ނަކަތުގައި ޢާންމުގޮތެއްގައި އުޑުމަތި ސާފުވާނެއެވެ. ނަމަވެސް ދޭތެރެދޭތެރެއިން ވިއްސާރަ ނަގައި ވާރޭ ވެހޭނެއެވެ. ވައިޖެހޭނި ހުޅަނގުންނެވެ. ވައިގެ ބާރުމިން އެވްރެޖްގޮތެއްގައި ހުންނާނީ ގަޑިއަކު 24.08 ކިލޯމީޓަރު ބާރުމިނުގައެވެ. އެވްރެޖުކޮށް 3.78 އިންޗިއަށް ވާރޭ ވެހޭނެއެވެ. މި ނަކަތުގައި އެވްރެޖުކޮށް 80.5 ގަޑިއިރު އަވިދޭނެއެވެ. މަސްވެރިކަން ރަނގަޅުވާނެއެވެ. މަސްއައިންތައް އަތޮޅުތަކާ ކައިރިން މި ނަކަތުގައި ފެންނަން ފަށާނެއެވެ.
18 ނަކަތް ހިމެނޭ ހުޅަގު މޫސުން ފެށުނީ އޭޕްރީޕް މަހުއެވެ. އިރުވައި މޫސުން ނިމުނީ އޭޕްރީލް ހަތްވަނަ ދުވަހު 'ރޭވަ' ނަކަތުންނެވެ. އިރުވައި މޫސުމުގައި ހިމެނުނީ ޖުމުލަ ނުވަ ނަކަތެވެ.
ހުޅަނގު މޫސުމުގެ ނަކަތް ތަކަކީ:
- އައްސިދަ
- ބުރުނު
- ކެތި
- ރޯނު
- މިއަހެލި
- އަދަ
- ފުނޯސް
- ފުސް
- އަހުލިހަ
- މާ
- ފުރަ
- އުތުރަ
- އަތަ
- ހިތަ
- ހެއި
- ވިހާ
- ނޮރަ
- ދޮށަ މިއެވެ