ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން، ކައުންސިލް ތަކަށް ލިބިދީފައިވާ ބާރުގެ ދަށުން، ކައުންސިލްގެ އިހްތިސޯސްގެ ތެރޭގައި ހިމެނޭ ފަޅުފަޅުގެ ސަރަހައްދު ހެޔޮގޮތުގައި ބޭނުން ކުރުމަށާއި، އެރަށެއްގެ ރައްޔިތުންނަށް އޭގެ ލާބަ އާއި މަންފާ ފުރިހަމަ ގޮތުގައި ހޯދައިދިނުމަށްޓަކައި އެ ސަރަހައްދުގައި މަސްވެރިކަން ކުރުމާ ބެހޭ ގަވާއިދެއް ނުވަތަ އުސޫލެއް ކައުންސިލްތަކަށް އެކުލަވާލެދިދާނެއެވެ.
ނަމަވެސް އެފަދަ ގަވާއިދުތަކާއި އުސޫލުތައް ހަދަންވާނީ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުތަކާ ފުށޫ ނާރާހެންނެވެ.
މާނައަކީ، ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނާއި، އެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުތަކުގައި މަނާކަމެއް ކަމަށް ކަނޑައަޅާފައިވާ ކަމެއް އެފަދަ ގަވާއިދަކުން ހުއްދައެއް ނުކުރެވޭނެއެވެ.
އެހެން ނަމަވެސް، ކައުންސިލުން ވަކި ކަމެއް، އެ ކައުންސިލްގެ އިހްތިސޯސްގެ ތެރޭގައި ހިމެނޭ ސަރަހައްދެއްގައި މަނާ ކަމެއް ކަމަށް ކަނޑައަޅަން ބޭނުންވާ ނަމަ، އެކަމެއް މަނާ ކުރެވިދާނެއެވެ.
މިސާލަކަށް ރައްޔިތުންގެ އާއްމު މަންފާއަށްޓަކައި ރަށެއްގެ ފަޅުތެރޭ ވަކި ސަރަހައްދަކުން ދާ އަޅައިގެން އެންވެރިކަން ކުރުމަކީ މަނާކަމެއް ކަމަށް އެރަށެއްގެ ކައުންސިލަކަށް ކަނޑައެޅިދާނެއެވެ.