މަސް ބާނާ ދާގަނޑުތަކުގައި ޖެހިގެން އެލަސްކާގެ ކަނޑުގެ ސަރަހައްދުން އަހަރުގެ މިހާތަކަށް 9 ކިލާ ވޭލް މަރުވެފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މިއީ މިހާތަނަށް އެއް އަހަރެއްތެރޭ މިހާ ގިނަ އަދަދަކަށް ކިލާ ވޭލް މަރުވެގެން ރެކޯޑުކުރެވިފައިވާ ފަހަރެވެ.
ޙަބަރުތައް ބުނާގޮތުގައި ދާ ޖަހައިގެން މަސް ބޭނުމުގައި އޮޅިގެން މިއަހަރުތެރޭ 10 ކިލާވޭލްވަނީ ހިފިފައެވެ. މީގެތެރެއިން ސަލާމަތުން އަނބުރާ ކަނޑަށް ދޫކޮށްލެވިފައިވަނީ އެންމެ ކިލާ ވޭލްއެކެވެ.
ބާކީ 9 ކިލާވޭލް ވަނީ މަރުވެފައެވެ. މިހާ ގިނަ އަދަދަކަށް ކިލާ ވޭލްތައް މަރުވެފައިވާތީ ނޭޝަނަލް އޯޝާނިކް އެންޑް އެޓްމޮސްފަރިކް އެޑްމިނިސްޓްރޭޝަނުންވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި 2016 އިން 2020ވަނަ އަހަރާއި ދެމެދުވެސް މަސްބާނާ ދާގަނޑުތަކުގައި ޖެހިގެން މަރުވެފައިވަނީ 5 ކިލާވޭލްކަން އެ ޖަމިއްޔާއިން ފާހަގަކުރެއެވެ.
އަދި ކިލާވޭލް މަރުވާ އަދަދު އިތުރުވެފައިމިވަނީ އެސަރަހައްދުގައި ދާގަނޑު ބޭނުންކޮށްގެން މަސް ހިފާ މިންވަރު އިތުރުވުމާވެސް ގުޅިގެންނެވެ.
ހިސާބުތައް ދައްކާގޮތުން އީސްޓަސް ނޯތު ޕެސިފިކް ކަނޑުގައި އުޅެނީ 2500 އެއްހާ ކިލާ ވޭލްއެވެ. އެހެންކަމުން 9 ކިލާވޭލް މަރުވުމަކީވެސް ބޮޑު އަދަދެކެވެ.
ދިރާސާކުރާ ފަރާތްތަކުުން ދަނީ ކިލާވޭލްތައް މަރުވާން މެދުވެރިވާ މައިގަނޑު ސަބަބު ދެނެގަތުމަށް މަސައްކަތްކުރަމުންނެވެ.