ސަރުކާރުން މަސްގަންނަ އަގު ބޮޑުކުރުމުން އަމިއްލަ ކުންފުނިތަކަށް ސަބްސިޑީއާ ނުލައި ފެކްޓްރީތައް ހިންގުމަށް ދަތިވެފައިވާ ކަމަށް މޯލްޑިވްސް ސީފުޑް ޕްރޮސެސާސް އެންޑް އެކްސްޕޯޓާސް އެސޯސިއޭޝަނުން ހާމަކޮށްފިއެވެ.
އެ އެސޯސިއޭޝަނުން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ސަރުކާރުގެ ކުންފުނި މިފްކޯއިން ކަނޑުމަސްގަންނަ އަގު މިމަހުގެ 16ވަނަ ދުވަހުން ފެށިގެން، 25 ރުފިޔާއަށް ބޮޑުކުރުމާއިގުޅިގެން، މަސްވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ އަމިއްލަ ދިވެހި ކުންފުނިތައްވަނީ، މަސްގަތުމަށް ނުކުޅެދި މަސްގަތުން ހުއްޓާލަންޖެހިފައި ކަމަށެވެ.
މިނިންމުމުގެ ސަބަބުން އަމިއްލަ ފެކްޓްރީތަކުން ކޮމިޓްވެފައިވާ އޯޑަރުތައް ފުރިހަމަކުރެވޭނެ އަގެއްގައި މަސްހޯދުމަށް ދަތިތަކެއް ކުރިމަތިވެ، މިހާރު ހުރި ކޮންޓްރެކްޓްތަކާއި ބައިނަލްއަޤްވާމީ މާކެޓްތަކުގެ ގުޅުންތަކާއި އާމްދަނީގެ މަގުތައްވަނީ ނުރައްކަލުގެ ތެރެއަށް ވެއްޓިފައިވާކަމަށެވެ.
އެ އެސޯސިއޭޝަނުން ބުނީ ރާއްޖެއަށް ބާނާ ކަނޑުމަހުގެ %70 އަކީ ރޯމަހުގެ ގޮތުގައި އެކްސްޕޯޓް ކުރެވޭ މަހަށްވާއިރު، މިއަގުގައި މަސްގަނެގެން މިފްކޯއަށް ލިބޭނެ ގެއްލުން 1 ބިލިއަން ރުފިޔާއަށްވުރެ ބޮޑުވާނެ ކަމަށް ބެލެވޭކަމަށެވެ.
ސަރުކާރު ކުންފުނި މިފްކޯއިން ކަނޑުމަސްގަންނަ އަގު ބޮޑު ކުރިކަމުގައިވިއަސް، އެކުންފުނި ހިންގަނީ ކުންފުންޏަށް ލިބޭ ގެއްލުމުގެ ބަދަލުގައި ސަރުކާރުން ސަބްސިޑީ ދީގެން ކަމަށްވާއިރު، މިއަގުގައި މަސްގަނެ ޕްރައިވެޓް ސެކްޓަރއަށް މި ސަބްސިޑީއާ ނުލައި ފެކްޓްރީތައް ހިންގުމުގައި މާލީގޮތުން ތަހައްމަލް ނުކުރެވޭނެވަރުގެ ގޮންޖެހުންތަކެއްދަނީ ކުރިމަތިވަމުން ކަމަށް ސީފުޑް ޕްރޮސެސާސް އެންޑް އެކްސްޕޯޓާސް އެސޯސިއޭޝަނުން ބުނެއެވެ.
ސަރުކާރުން މިފްކޯއަށް ދޭ ސަޕޯޓް މިވޭތުވެދިޔަ ދުވަސްތަކުގައިވެސް ދިޔައީ އިތުރުކުރަމުން ކަމަށާއި ސަރުކާރުން މާލީ އެހީތެރިކަންދީގެން އެކި އިންވެސްޓްމަންޓްތައް ކުރުމުގެއިތުރުން، ސީދާ ސަރުކާރުގެ ބަޖެޓްގައި މިފްކޯއަށްދޭ ފައިސާގެ ގޮތުގައިވެސް ބޮޑު އަދަދެއްވަނީ ހިމަނާފައިކަން އެ އެސޯސިއޭޝަނުން ފާހަގަކުރެއެވެ.
ނަމަވެސް މި އެހީތެރިކަން ޕްރައިވެޓް ސެކްޓަގައި މަސައްކަތްކުރާ ކުންފުނިތަކަކަށް ނުލިބެއެވެ. މިކަމާގުޅޭގޮތުން އެ އެސޯސިއޭޝަނުންނާއި އަމިއްލަ ކުންފުނިތަކުންވެސް ކަމާބެހޭ ސަރުކާރުގެ އިދާރާތަކާއިއެކު ދަނީ މަޝްވަރާކުރަމުން ކަމަށާއި މަހުގެ އަގަށް މިގެނައި ކުއްލި ބަދަލާއި ގުޅުގެން ރާއްޖޭގެ މަހުގެ ބާވަތްތަކަށް، ބޭރުގެ މާކެޓްތަކުގައި މިހާރު ލިބިފައި އޮތް މާކެޓް ޕޮޒިޝަން ގެއްލި، އަދި ވާދަކުރަމުން މިދާ ބޭރުގެ އެހެން ސަޕްލަޔަރުންނާއި އެއްހަމައެއްގައި ވާދަކުރުމުގެ ފުރުސަތު އިތުރަށް ހަނިވެގެންދާނެ ކަމަށް އެ އެސޯސިއޭޝަނުން ދެކެއެވެ.
މަހުގެ އަގަށް މިގެނައި ކުއްލި ބަދަލާއި ގުޅިގެން، ކުންފުނިތަކަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ސަރުކާރުގެ އެހީތެރިކަން މިހިނދުން މިހިނދަށް ނުލިބިއްޖެނަމަ، ކަނޑުމަހުގެ ވިޔަފާރިކުރާ އަމިއްލަ ކުންފުނިތައް ހުއްޓުމަކަށް އައިސް، މަސްވެރިކަން ރަނގަޅު މޫސުމެއްގައި، މަސްވެރިން ބާނާ ހުރިހާ މަހެއް ކިރުވުމުގައި ވަރަށް ބޮޑަށް ދަތިވެ، މަސްވެރިކަމުގެ ސިނާއަތް ނެތިދިޔުމުގެ ބިރު އެބައޮތްކަމަށްވެސް އެ އެސޯސިއޭޝަނުން ދެކެއެވެ.
ސީ ފުޑް ޕްރޮސެސާސް އެންޑް އެކްސްޕޯޓާސް އިން ބުނެފައިވަނީ މަސްވެރިންނަށް ސަބްސިޑީއެއް ދޭން ބޭނުންވާނަމަ، މި ސަބްސިޑީއަކީ ވަކި ކުންފުންޏަކަށް ލިބޭ މަންފާ އެއްގެ ބަދަލުގައި ސީދާ މަސްވެރި މީހާއަށް ލިބޭގޮތަށް އޮންނަންޖެހޭ އެއްޗެއްކަމަށް ވާންޖެހޭ ކަމަށެވެ.