ބަންގްލަދޭޝްގައި ހިލްސާގެ މަސްވެރިކަން ކުރުން މަނާކުރަން ނިންމާފައިވާ ތާރީހް ފަސްކޮށްދިނުމަށް މަސްވެރިން އެދެން ފަށައިފިއެވެ.
އެ ގައުމުގައި އެންމެ ގިނަ އަދަދަކަށް ބާނާ ހިލްސާ މަސް ހިފުން މަނާކުރަނީ އޭގެ އާބާދީ ދެމެހެއްޓެނިވި ގޮތެއްގައި އިތުރުކުރުމަށެވެ.އެގޮތުން އަހަރުގެ އެކި ހިސާބުތަކުގައި މަނާކުރެއެވެ.
ބަންގްލަދޭޝް ސަރުކާރުން ވަނީ މިމަހުގެ 12ވަނަ ދުވަހުން ފެެށިގެން ނޮވެމްބަރުމަހުގެ 2ވަނަ ދުވަހަށް ހިލްސާ މަސް ހިފުން މަނާކުރުމަށް ނިންމާފައެވެ. އެހެން ނަމަވެސް މަސްވެރިން ވަނީ ހިލްސާގެ މަހުގެ ބަނޑުން ބިސްވެސް މި ދުވަސްވަރު ނުފެންނަ ކަމަށާއި އެހެން ކަމުން މިމަހުގެ 12ވަނަ ދުވަހުން ފެށިގެން އޭގެ މަސްވެރިކަން ކުރުން މަނާކޮށްފައި އޮތް އޮތުމަށް ބަދަލު ގެނައުމަށް އެދިފައެވެ.
އެހެން ނަމަވެސް ބަންގްލަދޭޝްގެ މަސްވެރިކަމާއި ގުޅޭ މިނިސްޓްރީން ބުނެފައިވަނީ މަސްވެރިކަން ކުރުން މަނާކުރާ ތާރީޙް ނިންމަނީ ގިނަ ދިރާސާތަކަކަށް ފަހު ކަމަށާއި ތާރީޙަށް ބަދަލު ގެނެވެން ނެތް ކަމަށް މަސްވެރިނަންނަށް އަންގާފައެވެ.
ހިލްސާ މަސް ހިފުން މަނާކޮށްފައި އޮންނަ ދުވަސްތަކުގައި މަސްވެރިންނަށް ވާނެ ގެއްލުން ކުޑަކުރުމަށް ބަންގްލަދޭޝްގެ ސަރުކާރުން ހިލްސާގެ މަސްވެރިކަން ކުރާ މަސްވެރިންގެ އިނާޔަތެއް ދެއެވެ. އަދި ހިލްސާގެ މަސްވެރިކަން ކުރުން މަނާ ދުވަސްވަރު، އަމުރާ ހިލާފްވާ ފަރާތްތަކާއި މެދު ސަރުކާރުން ހަރުކަށި ފިޔަވަޅު އަޅައެވެ.