15 ކިލޯގެ މާވަހަރަކާއި އެކު އިންޑިއާގެ ޓެލިމް ނާޑޫ ސްޓޭޓުން ބަޔަކު ހައްޔަރުކޮށްފިއެވެ.
ޓެލިމް ނާޑޫ ސްޓޭޓުގެ ޓިންޑިވަނަމްގައި ހިނގި މިހާދިސާގައި ފުލުހުން ވަނީ 15 ކިލޯގެ މާވަހަރެއް ދުނިޔޭގެ ބާޒާރުގައި ވިއްކާލުމަށް މަސައްކަތްކުރި އެޤައުމުގެ 5 މީހުން ހައްޔަރުކޮށްފައެވެ.
މި މާވަހަރުގެ އަގު އެތައް ލައްކަ ޑޮލަރަކަށް އަރާނެ ކަމަށް ލަފާކުރެވެއެވެ. ފުލުހުން އެމީހުން ހައްޔަރުކޮށްފައިވަނީ ބަޔަކު ދިން މައުލޫމާތަކާއި ގުޅިގެންނެވެ. އަދި އެމީހުން ގެންގުޅުނު ބޮޑު ދަބަހެއްގެ ތެރެއިން ވަނީ މާވަހަރު ފެނިފައެވެ.
މާވަހަރަކީ ދުނިޔޭގެ ބާޒާރުގައި އަގު ހުރި އެއްޗެކެވެ. އެހެން ނަމަވެސް އިންޑިއާގައި މާވަހަރުގެ ވިޔަފާރި ކުރުމަކީ މަނާ ކަމެކެވެ. ސަބަބަކީ ސްޕާމް ވޭލް އަކީ އެޤައުމުގައި ހިމާޔަތްކޮށްފައިވާ އެއްޗަކަށްވުމެވެ. މާވަހަރެއް ފެނިއްޖެ ނަމަ ކަމާއިގުޅޭ ފަރާތްތަކަށް އެކަން ރިޕޯޓުކޮށް، މާވަހަރު އެފަރާތްތަކާއި ހަވާލުކުރަން ޖެހެއެވެ.
އިންޑިއާގައި މާވަހަރުގެ ވިޔަފާރިކުރުން މަނާކޮށްފައިވީ ނަމަވެސް ކަޅު ބާޒާރުގައި އޭގެ ވިޔަފާރިކުރެއެވެ. އެގޮތުން އޮންލައިން ސައިޓުތައް މެދުވެރިކޮށްވެސް މާވަހަރުގެ ވިޔަފާރިކުރެއެވެ.އެގޮތުން މި ސައިޓުތަކުގައި ކިލޯއެއްގެ މާވަހަރު އުޅެނީ 1 ކްރޯޑު ރުޕީސްއަށެވެ.
މާވަހަރު އާއްމުގޮތެއްގައި ބޭނުންކޮށް އުޅެނީ ސެންޓު އުފެއްދުމަށެވެ. އަދި މިއީ މޫދުން ފެންނަ ރަނުގެ ގޮތުގައިވެސް ގިނަ ބަޔަކު ދެކެއެވެ.