ފުކުޝިމާ ނިއުކްލިއާ ޕްލާންޓުން ދޫކުރާ ފެނުން ކަނޑުގެ ދިރުންތަކަށް އަސަރެއް ކުރޭތޯ ބެލުމަށް ހާއްސަ ދިރާސާއެއް

Screenshot 2023-10-22 081013

ޖަޕާނުގެ ފުކުޝިމާ ނިއުކްލިއާ ޕްލާންޓުން ކަނޑަށް ދޫކުރަން ފަށާފައިވާ ފެނުމުގެ ސަބަބުން ކަނޑުގެ ދިރުންތަކަށް އަސަރެއް ކުރޭތޯ ބެލުމުގެ މަސައްކަތް ބައިނަލްއަޤްވާމީ ސައިންސްވެރިންގެ ޓީމަކުން ފަށައިފިއެވެ.

ޔޫ.އެންގެ ނިއުކްލިއާ ވޮޗްޑޯގްގެ ފަރާތުން ކުރިއަށްގެންދާ މި ދިރާސާއަކީ ފުކުޝިމާއިން މިދިޔަ އޮގަސްޓުމަހުގެތެރޭގައި ކަނޑަށް ފެން ދޫކުރަން ފެށިފަހުން ކުރިއަށްގެންދާ މިފަދަ ފުރަތަމަ ތަޙުލީލެވެ.

2011ވަނަ އަހަރު ފުކްޝިމާ ނިއުކްލިއަރ ޕްލާންޓަށް ބޮޑެތި ގެއްލުންތަކެއް ލިބި، ރޭޑިއޯ އެކްޓިވް ބޭރުވާން މެދުވެރިވީ، ރެކްޓަރ މިންގަނޑުން 9.0 މެގްނިޓިއުޑްގެ ބާރު މިނުގައި އައި ބިން ހެލުމަކާއި އަދި ބިން ހެލުމާއި ގުޅިގެން އުފެދުނު ސުނާމީއާ ގުޅިގެނެވެ.

10 ވަރަކަށް އަހަރަށްފަހު އެ ޕްލާންޓުގައި ހުރި 1 މިލިއަން ޓަނުގެ ރޭޑިއޯ އެކްޓިވް ފެންތައް ކަނޑަށް ބޭރުކުރަން ޖަޕާނުން މިހާރު ފަށާފައިވާއިރު، ބައެއް ޤައުމުތަކުން ވަނީ ޖަޕާނުން އެކްސްޕޯޓްކުރާ ސީފުޑްގެ ބާވަތްތައް އެތެރެކުރުން މަނާކޮށްފައެވެ.

އެގޮތުން ޗައިނާ، އަދި ރަޝިއާ ފަދަ ޤައުމުތަކުންވަނީ ޖަޕާނުން ސީފުޑް އެތެރެކުރުން ހުއްޓާލާފައެވެ.

ޖަޕާނުން ސީފުޑް އިމްޕޯޓްކުރުން އަވަށްޓެރި ބައެއް ޤައުމުތަކުން މަނާކުރުމުން ޖަޕާނުގެ އޮފިޝަލުން ވިދާޅުވީ، އެ ނިންމުން ނިންމާފައިވަނީ އެއްވެސް ސައިންޓިފިކް ހެއްކެއްގެ މައްޗަށް ބިނާކޮށް ނޫންކަމަށެވެ. އަދި ރޭޑިއޯ އެކްޓިވް ފެންތައް ކަނޑަށް ބޭރުކުރިނަމަވެސް، ކަނޑުގެ ޕޮލިއުޝަން މިންވަރު ހުންނާނީ ރައްކާތެރިކަމަށް ކަނޑައަޅާ މިންވަރުގައިކަމަށާއި މިއީ އެހެން ޤައުމުތަކުންވެސް މިފަދަ ރޭޑިއޯ އެކްޓިވް ފެނާއިމެދު އަމަލުކުރާ ގޮތްކަމަށް އޭނާ ވިދާޅުވިއެވެ.

ބައިނަލްއަޤްވާމީ ސައިންސްވެރިންގެ ޓީމުން ކުރިއަށްގެންދާ ދިރާސާގައިވަނީ ފުކުޝިމާ ނިއުކްލިއާ ޕްލާންޓާއި ކައިރި ހިސާބަކުން ބާނާފައިވާ މަސްތައް ތަޙްލީލްކުރުމަށް ނަގާފައެވެ. ޓީމުގައި ހިމެނެނީ ޗައިނާ، ސައުތު ކޮރެއާ، ކެނެޑާ އަށް ނިސްބަތްވާ ސައިންސްވެރިންނެވެ. ތަޙްލީލުކުރުމަށް ނެގި މަސްތައް ވަނީ ސައިންވެރިން ނިސްބަތްވާ ގައުމުތަކަށް ފޮނުވާފައެވެ.

އަދި މިކަން މިގޮތަށްކޮށްފައިވަނީ އެކި ޤައުމުތަކުގައި ކުރިއަށްގެންދާ ތަހްލީލުތައް ގިނަ ބަޔަކަށް ގަބޫލުކުރެވޭނެތީ ޖަޕާނުގެ ކަމާއިބެހޭ ފަރާތްތަކުގެ އެދުމުގެ މަތިންނެވެ.

ޖަޕާނުގެ ކަމާއިބެހޭ ފަރާތްތަކުން ބުނާގޮތުން ރޭޑިއޯ އެކްޓިވް ފެން ކަނޑަށް ދޫކުރަމުންދާނީ މޮނިޓަރކުރަމުންކަމަށެވެ. އަދި އާދަޔާ ހިލާފަށް ރޭޑިއޯ އެކްޓިވް މާއްދާތައް ގިނަވާކަމުގައިވާނަމަ އެ މަސައްކަތް ހުއްޓާލާނެކަމަށްވެސް ޖަޕާނުގެ ކަމާއިބެހޭ އޮފިޝަލުން ވިދާޅުވެއެވެ.

2011 ވަނަ އަހަރު ފުކްޝިމާ ނިއުކްލިއަރ ޕްލާންޓަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ހާދިސާގައި 18 ހާހެއްހާ މީހުން މަރުވިއެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ