ޤައުމީ ޒުވާނުންގެ ދުވަހާއި ގުޅުވައިގެން އއ. މަތިވެރީގައި ބޭއްވި މަސް ރޭހުން ވަނަތަކަށް ހޮވުނު ފަރާތްތަކަށް ލިބުނު ފައިސާގެ އިނާމާއި، މަސް ރޭހުގައި ބޭނި މަސް ވިއްކައިގެން ލިބުނު ފައިސާ ފަލަސްތީން ފަންޑަށް ހަދިޔާކޮށްފިއެވެ.
މި މަސްރޭހުގައިގައި 7 ޓީމަކުން ބައިވެރިވެފައިވެއެވެ. މި މުބާރާތް ޝަރަފްވެރިކޮށްދިނީ މިވަގުތު މަތިވެރީގައި ޗުއްޓީ ހޭދަ ކުރަމުންދާ ފަލަސްޠީނުގެ ފަތުރުވެރިއެކެވެ.
މި މުބާރާތުގެ ޓީމުތަކުން ބޭނި މަސްތައް ކިރައި ވަނަތައް ވަނީ ހޯދާފައެވެ. އެގޮތުން ވަނަތަކަށް ހޮވިފައިވާ ޓީމްތަކަކީ 89 ކިލޯ އާއެކު 1 ވަނަ ހޯދީ ”ޓީމް ހަމާސް“، 44 ކިލޯގެ މަސް ބާނައިގެން 2 ވަނަ ހޯދީ ”ޓީމް ހަމަނުޖެހޭ“، 3 ވަނަ ހޯދީ 32 ކިލޯގެ މަސް ބޭނި ”ޓީމް ވައިރޯޅި“އެވެ.
މި ޓީމް ތަކަށް ކައުންސިލުން ދިން ފައިސާގެ އިނާމް ތަކަކީ 1 ވަނައަށް 3،000 ރުފިޔާ، 2 ވަނައަށް 2،000 ރުފިޔާ، އަދި 3 ވަނައަށް 1،000 ރުފިޔާއެވެ.
މި 3 ޓީމަށް ލިބުނު ފައިސާގެ އިނާމްތައް އަދި ހުރިހާ ޓީމުތަކުން ބޭނި މަސްތައް ވިއްކައިގެން ލިބުނު ފައިސާ ވަނީ ފަލަސްތީނުގެ ނިކަމެތި ރައްޔިތުންނަށް އެހީވުމަށް ހިންގާ ފަންޑަށް ހަދިޔާކޮށްފައެވެ.
މަތިވެރި ކައުންސިލުން ވިދާޅުވީ، މަސް ވިއްކައިގެން 6071 ރުފިޔާ، އަދި ވަނަތަކަށް ހޮވުނު ފަރާތްތަކުގެ ފަރާތުން 4500 ރުފިޔާއާއި އެކު ޖުމްލަ 10517 ރުފިޔާ ފަލަސްތީނު ފަންޑަށް ޖަމާކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މި މަހުގެ 7 ވަނަ ދުވަހު ހަމާސް ޖަމާއަތުން އިސްރާއީލަށް ދިން ކުއްލި ހަމަލާއަށްފަހު އިޒްރޭލުން ވަނީ ފަލަސްތީނާ ދެކޮޅަށް ހަނގުރާމަ އިޢުލާނުކޮށްފައެވެ. ޔަހޫދީ އިސްރާއީލް ސިފައިން ދެމުންދާ ހަމަލާތަކުގައި ފަލަސްތީނަށް ބޮޑެތި ގެއްލުންތަކެއް ލިބި، އެތައް ބަޔަކު ވަނީ ޝަހީދު ކޮށްލައިފައެވެ.
ފަލަސްތީނު ރައްޔިތުންނަށް ދުނިޔޭގެ އެކި ހިސާބުތަކުން އެހީތެރިކަން ފޯރުކޮށްދެމުންދާއިރު، އެޤައުމުގެ ރައްޔިތުންނަށް އެހީވުމަށް ރާއްޖޭގައިވެސް ގިނަ ހަރަކާތްތަކެއް ވަނީ ފަށާފައެވެ. އެގޮތުން ފަލަސްތީނުގެ ރައްޔިތުންނާއެކު ދިވެހިން ތިބިކަން ހާމަކޮށްދިނުމަށް އެއްވުމެއް ބާއްވާފައިވާއިރު، ފައިސާގެ އެހީ ދިނުމަށް ފަންޑްވެސް ވަނީ ހުޅުވާލާފައެވެ.
ދިވެހި މަސްވެރިންވެސް ދަނީ ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް މި ފަންޑަށް ފައިސާ ހަދިޔާކުރަމުންނެވެ. އެގޮތުން މިހާތަނަށް3 ލައްްކައަށްވުރެ ގިނަ ރުފިޔާ ރާއްްޖޭގެ އެކި މަސްދޯނިތަކުންވަނީ ފަންޑަށް ހަދިޔާކޮށްފައެވެ.