Kanneli2

މަސްވެރިކަންކުރާ އުޅަންދު ފަހަރަށް ސާފުތާހިރުކަމުގެ ސެޓްފިކެޓް ދޫކުރުން ދިރިތި ޕޯޓަލްއަށް

މަސްވެރިކަންކުރާ އުޅަނދުފަހަރުތަކުގެ ސާފުތާހިރު ކަމުގެ ސެޓްފިކެޓް "ދިރިތި" ޕޯޓަލް މެދުވެރިކޮށް ދޭން ފަށައިފިއެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއިން ވިދާޅުވީ އެ އޮތޯރިޓީގެ "ދިރިތި"  ޕޯޓަލް މެދުވެރިކޮށް ދެމުންދާ ޚިދުމަތްތަކުގެ ތެރެއަށް މަސްވެރިކަންކުރާ އުޅަނދުފަހަރުތަކުގެ ސާފުތާހިރު ކަމުގެ ސެޓްފިކެޓް ދޫކުރުންވަނީ އިތުރު ކުރެވިފައިކަމަށެވެ.

އަދި އަންނަ ޑިސެމްބަރުމަހުގެ 3ވަނަ ދުވަހުން ފެށިގެން މި ޙިދުމަތް ހަމައެކަނި ފޯރުކޮށްދޭނީ "ދިރިތި" ޕޯޓަލް މެދުވެރިކޮށް ކަމަށް އެ އޮތޯރިޓީން ހާމަކުރެއެވެ. މި ކަމާގުޅޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް މި އޮތޯރިޓީގެ ނަންބަރު 3014305 އަށް ގުޅުއްވުމަށްވެސް އެ އޮތޯރިޓީން އެދެއެވެ.

އާއްމުނަށް ފޯރުކޮށްދެމުންދާ ޙިދުމަތްތައް އޮންލައިންކޮށް ލުއިފަސޭހަކަމާއިއެކު ފޯރުކޮށްދިނުމަށްޓަކައި މޯލްޑިވްސް ފުޑް އެންޑް ޑްރަގްއޮތޯރިޓީ (އެމްއެފްޑީއޭ) އިން ޤާއިމް ކުރި "ދިރިތި" ނަމުގައި ޕޯޓަލް އިފްތިތާހްކޮށްފައިވަނީ 2019ވަނަ އަހަރުގެތެރޭއެވެ.

"ދިރިތި" ޕޯރޓަލް އިން ކާބޯތަކެއްޗާއި ބޭހާއި ގުޅޭގޮތުން އާއްމުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް "އޮންލައިން" ނިޒާމެއްގެ ތެރެއިން ވަރަށް ފަސޭހަކަމާއިއެކު ލިބިގެންދާނެ އިންތިޒާމްވަނީ ހަމަޖެހިފައެވެ.

މިގޮތުން އެމްއެފްޑީއޭއިން ދޫކުރަމުންދާ ކާބޯތަކެއްޗާއި ބޭހާއި ގުޅޭ ރަޖިސްޓްރޭޝަންތަކާއި ހުއްދަތައް އަދި ބޯރޑަރއިން ދޫކުރާ ހެލްތު ކްލިއަރަންސް ހޯދުމުގެ މަސައްކަތަށްވެސް މި ޕޯޓަލް މެދުވެރިކޮށް ލިބެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!