ރާއްޖޭގެ ޚާއްސަ އިޤްތިޞާދީ ސަރަޙައްދަށް ވަދެ، ޤާނޫނާ ޚިލާފަށް މަސްވެރިކަން ކުރަންއުޅުނު ބޭރުގެ 5 މަސްބޯޓެއް ޖޫރިމަނާ ފައިސާ ދެއްކުމުން ދޫކޮށްލައިފިއެވެ.
ފިޝަރީޒް މިނިސްޓްރީން ވިދާޅުވީ، ޖޫރިމަނާ ދެއްކުމުން ދޫކޮށްލާފައިވަނީ ރާއްޖޭގެ ޚާއްސަ އިޤްތިޞާދީ ސަރަޙައްދަށް ހުއްދަނެތި ވަދެ، ޤާނޫނާ ޚިލާފަށް މަސްވެރިކަން ކުރަމުން ދިޔަކަމުގެ ތުހުމަތުގައި މިދިޔަ މަހުގެ 18 ވަނަ ދުވަހު ކޯސްޓް ގާޑުން ހިފެހެއްޓި ސްރީލަންކާގެ މަސް ބޯޓުތައް ކޮންމެ ބޯޓެއް 1 ލައްކަ ރުފިޔާއިން ޖޫރިމަނާކުރިކަމަށެވެ. އެހެންކަމުން ޖޫރިމަނާގެ ގޮތުގައި ޖުމުލަ 5 ލައްކަ ރުފިޔާވަނީ ދަޢުލަތަށް މި 5 ބޯޓުންވަނީ ދައްކާފައެވެ.
ފިޝަރީޒް މިނިސްޓްރީން ވިދާޅުވީ، ކޮންމެ ބޯޓެއް 1 ލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފައިވަނީ އެ ބޯޓުތަކުން ރާއްޖޭގެ ޚާއްސަ އިޤްތިޞަދީ ސަރަހައްދުން މަސް ބާނާފާއި ނުވާތީކަމަމަށެވެ. އަދި އެބޯޓުތައް ޖޫރިމަނާކުރީ ރާއްޖޭގެ ޚާއްސަ އިޤްތިޞާދީ ސަރަޙައްދަށް ޤަވައިދާ ޚިލާފަށް ވަނުމުންނެވެ.
ފިޝަރީޒް މިނިސްޓްރީން ވިދާޅުވީ، ރާއްޖޭގެ ޚާއްސަ ސަރަޙައްދަށް ޤަވައިދާ ޚިލާފަށް ވަދެ މަސްބާނާފައިވާނަމަ އެ މައްސަލަ ތަޙްޤީގުކުރުމަށްފަހު 1 ލައްކަ ރުފިޔާއަށްވުރެ ބޮޑަށްވެސް ޖޫރިމަނާ ކުރާކަމަށެވެ.
2019 ވަނަ އަހަރު ފާސްކޮށްފައިވާ މަސްވެރިކަމުގެ އައު ޤާނޫނު އައިފަހުން ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދަށް ވަދެ ޤާނޫނާ ޚިލާފަށް މަސްވެރިކަންކޮށްފައިވާ ބޭރުގެ 20 މަސްބޯޓެއްގެ މައްސަލަ ބަލައި އެ އުޅަނދުތައް ޖޫރިމަނާ ކޮށްފައިވާކަމަށް ފިޝަރީޒް މިނިސްޓްރީން ވިދާޅުވެއެވެ.