396713772_659697042959211_7480963906641194641_n

މިފްކޯގެ ލޯގޯއަށް ދިވެހިވަންތަ ބަދަލެއް

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ދިވެހި މަސްވެރިކަމުގެ ސިނާއަތުގައި ހިދުމަތްކުރާތާ 30 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ދިވެހިވަންތަ އާ ލޯގޯއެއް ތައާރަފުކޮށްފައެވެ. މިލޯގޯއަކީ ޖޫން 2023 ގައި މިފްކޯގެ ބޯޑުން ފާސްކޮށް، މީސްމީޑިއާގައި ބޭނުންކުރަން ފަށާފައިވާ ލޯގޯއެކެވެ. މިލޯގޯ މިފްކޯއިން ރަސްމީކޮށް ތައާރަފުކޮށްފައިވަނީ 1 ނޮވެމްބަރ 2023 ގައެވެ.

މިފްކޯއިން ބުނީ މިފަދަ ބަދަލެއް ގެނެސްފައިމިވަނީ މިފްކޯގެ ކުރީގެ ލޯގޯ އަކީ އެ ލޯގޯ ވުޖޫދަށްއައި ދުވަސްވަރު ވަރަށް ފުރިހަމަ، އަދި އެއިރުން ފެށިގެން މިއަހަރާހަމައަށް ކުންފުންނީގެ ހުރިހާ ކަމެއްގައި ބޭނުންކުރެވެމުން އައި ލޯގޯ ކަމުގައި ވީނަމަވެސް، މިހާރުގެ ޑިޖިޓަލް މީޑިއާތަކުގައި ކުރީގެ ލޯގޯ ބޭނުން ކުރަން ދަތިތަކާ ކުރިމަތި ވާކަން ތަކުރާރުކޮށް ކުންފުނީގެ މެނޭޖްމަންޓަށް ފާހަގަކުރެވިފައިވާތީ ކަމަށެވެ.

އެގޮތުން ފަންނީ ތަޖުރިބާކާރުންނާއެކު ގިނަ މަސައްކަތްތަކެއް ކުރެވި، ކުރީގެ ލޯގޯގެ ކުލަތައް ބޭނުންކޮށްގެން މިހާރުގެ މިފްކޯގެ އަސާސްތައް ރަމްޒުކޮށްދޭ އާ ލޯގޯއެއް ކުންފުނިން މިވަނީ ފަރުމާކޮށްފައިވެއެވެ. މިފްކޯގެ އާ ލޯގޯ އަކީ ޒަމާނީ ހުރިހާ މީޑިއަމެއްގައި ފަސޭހައިން ބޭނުންކުރެވޭ ރީތި ދިވެހިވަންތަ ލޯގޯއެކެވެ. އަދި މިއާއެކު ދިވެހިރާއްޖޭގެ އާދަކާދައާއި ސަގާފަތް ދައްކުވައިދޭ މަންޒަރުތައް އެކުލެވޭގޮތަށް އާ ލޭބަލެއްގައި ފަސްމީރު ބްރޭންޑް ތައާރަފު ކުރުމަށްވެސް ކުންފުނިން ވަނީ ނިންމާފައެވެ.

ތާނައިން "މިފްކޯ" ލިޔެވިފައިވާ މި ލޯގޯއިން ނޫ ކުލައިގެ މަހެއް ސިފަވެގެން ދެއެވެ. މި ޑިޒައިނުން މިފްކޯގެ އެންމެ އަގުހުރި އަސާސް ކަމުގައިވާ ދިވެހި މަސްވެރިކަން ރަމްޒުކޮށްދޭ މަހުގެ ސިފަ ފެނިގެންދެއެވެ. ދިވެހީންނަށް ތާނައިން "މިފްކޯ" ލޯގޯއިން ފެންނައިރު ބޭރުގެ މާކެޓްތަކަށް ފެނިގެންދަނީ މަހެކެވެ.

މިލޯގޯ އާއި ލޯގޯއާ ގުޅޭ ބްރޭންޑިން މިފްކޯގެ ހުރިހާ ލިޔެކިޔުމެއްގައާއި އުފެއްދުމެއްގައި ބޭނުންކުރެވެން ފެށުމުން މިފްކޯގެ ކޯޕަރޭޓް އިމޭޖު ވަރުގަދަވެގެންދާނެ ކަމަށާއި ކުންފުނީގެ އަމާޒަކީ މިބަދަލު 2023 ގެ ނިޔަލަށް ގެނެސް ނިންމުން ކަމަށް މިފްކޯއިން ހާމަކުރެއެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!