ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ މަސްދޯނިފަހަރުން އުފެދޭ ކުނި ނައްތާލެވޭނެ އިންތިޒާމު އެރަށު ކައުންސިލުން ހަމަޖައްސައިފިއެވެ.
ވިލިނގިލީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ، ކައުންސިލުން އެކުލަވާފައިވާ ޤަވާއިދު ނަންބަރު 2014/R-291 ކުނިއުކާލުމާއި ކުނި ނައްތާލުމާއި ބެހޭ އުސޫލަށް އިސްލާހު ގެނައުމަށް ފަހު އެޢުސޫލު ފާސްކޮށްފައިވާ ކަމަަށެވެ.
އެގޮތުން ރަށު ބަދަރު ބޭނުން ކުރާ މަސްދޯނިފަހަރާއި ، އެހެނިހެން އުޅަދުފަހަރުތަކުން އުފެދޭ ކުނިތައް ދުވަހުން ދުވަހަށް ނެގޭނެ އިންތިޒާމް އެއިދާރާއިން ހަމަޖައްސާފައި ވާނެ ކަމަށް ވިލިނގިލީ ކައުންސިލުން ބުންޏެވެ.
އެގޮތުން، އުސޫލައާއި އެއްގޮތަށް ކުނިނެގުމަށް ރަޖިސްޓްރީކުރުމަށް މަސްދޯނިތަކުގެ ވެރިފަރާތަކަށް ވިލިނގިލީ ކައުންސިލުން އިލްތިމާސްކުރިއެވެ.
ކުނިއުކާލުމަށް މަހަކަށް ދައްކަށް ޖެހެނީ -/250 ރުފިޔާއެވެ.
އެ ކައުންސިލުން ބުނީ، ޤަވާއިދު ނަންބަރު 2014/R-291 ޚިލާފުވާފަރާތް ތަކާމެދު އެޤަވާއިދުގެ 10 ވަނަ ނަންބަރުގައިވާ ގޮތުގެ މަތިން ފިޔަވަޅު އަޅަމުންދާނެ ކަމަށެވެ.
މިކަމަކީ ވިލިނގިލި ބަދަރު ސަރަހައްދު ސާފު ތާހިރުކޮށް ބޭއްވުމަށް ކުރާ ކަމަކަށްވާތީ މިކަމުގައި ބަނދަރު ބޭނުން ކުރާ އެއްމެހައި ފަރާތްތަކުގެ އެއްބާރުލުމާއި އެހީތެރިކަން ބޭނުންވާނެ ކަމަށް ވިލިނގިލީ ކައުންސިލުން ބުންޏެވެ.