މިފްކޯގެ ފްލީޓަށް އިތުރު ކުރެވޭ ތިން ބޯޓުގެ ތެރެއިން ފުރަތަމަ ބޯޓު ރާއްޖެ އައުމަށް ދަތުރު ފަށައިފިއެވެ.
މިފްކޯއިން ބުނީ، އެ ކުންފުނީގެ ފްލީޓަށް އިތުރު ކުރެވޭ ތިން ބޯޓުގެ ތެރެއިން ފުރަތަމަ ބޯޓު "ޖަޒީރާ 106" ތައިލޭންޑުން ރާއްޖެ އައުމަށް މިދިޔަ ހޮނިހިރު ދުވަހު ދަތުރު ފަށާފައިވާ ކަމަށެވެ.
މި ބޯޓު ރާއްޖެ އައުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 19 ވަނަ ދުވަހުއެވެ. އަދި މި ފްލީޓުގެ ބާކީ ދެ ބޯޓު ކަމުގައިވާ ޖަޒީރާ 104 އަދި 105 މިއަހަރު ނިމުމުގެ ކުރިން ރާއްޖެ އަންނާނެ ކަމަށް މިފްކޯއިން ބުނެއެވެ.
ޖަޒީރާ ސީރީޒްގެ މި މަސްކިރާ ބޯޓު ތަކަކީ ބޯޓަކަށް ދުވާލަކު 60 ޓަނު ބްރައިން ފްރީޒް ކުރެވޭ އަދި 200 ޓަނު މަސް ރައްކާކުރުމުގެ ގާބިލްކަން ލިބިފައިވާ ބޯޓުތަކެކެވެ.
މި ތިން ބޯޓު އެ ކުންފުނީގެ އޮޕަރޭޝަނާއި ގުޅުމުން މިފްކޯއަށް ދުވާލަކު އިތުރަށް 180 ޓަނު މަސް ގަތުމުގެ ގާބިލްކަން ލިބިގެންދާނެއެވެ.
މަސްވެރިކަމުގެ މޫސުމުގައި އެންމެ ރަގަޅަށް މަސްބާނާ ސަރަހައްދަކަށް ދަތުރުކޮށް މަސްވެރިން ބާނާ މަސް ކިރުމަށް ދިމާވާ ދަތިތަކަށް ހައްލެއް ހޯދުމުގެ ގޮތުން މިފްކޯއިން މިއަހަރު ހަތަރު ބޯޓު ގަނެފައިވެއެވެ.
މިގޮތުން މިއަހަރު މާރޗު މަހުގައި ރާއްޖެ ގެނައި ޖަޒީރާ 103 މިހާރު ރާއްޖޭގެ ދެކުނުގައި މަސްކިރުމުގެ މަސައްކަތް ކުރަމުންދެއެވެ.
ޖަޒީރާ 103 އަކީ ދުވާލަކު 120 މެޓްރިކް ޓަނު މަސްގަނެ ފިނިކުރުމާއިއެކު ޖުމްލަ 420 މެޓްރިކް ޓަނުގެ މަސް ރައްކާކުރެވޭ ގޮތަށް ފަރުމާ ކޮށްފައިވާ ބޯޓެކެވެ. އަދި ހަމަ މިއާއެކު 2021 ވަނަ އަހަރު ވެސް ޖަޒީރާ 103 އާއި އެއް ސީރީޒް އެއްގެ އެއް ކެޕޭސިޓީއެއްގެ ބޯޓެއް ކަމަށްވާ ޖަޒީރާ 103 މިފްކޯގެ ފްލީޓާއި ގުޅި މަސްގަތުމުގެ މަސައްކަތް ކުރަމުންދެއެވެ.
މި ހިނގަމުންދާ ފަސް އަހަރު ތެރޭގައި ކެރިއަރ ބޯޓަކާއެކު ޖުމްލަ ހަ ބޯޓު މިފްކޯ ފްލީޓަށް އިތުރު ކުރެވިފައިވެއެވެ.
އަދި މިއާއެކު، ކޫއްޑުގެ މަސްގަތުމުގެ ކެޕޭސިޓީ އިތުރު ކުރުމަށް މިހާރު ފަށާފައިވާ މަސައްކަތުގެ ތެރެއިން ޝިފްޓަކަށް 120 ޓަނުގެ ފްރީޒިން ކެޕޭސިޓީ އިތުރު ކުރުމުގެ މަސައްކަތާއި މުޅިން އަލަށް ގާއިމުކުރެވޭ ތިނަދޫ ފިޝަރީޒް ކޮމްޕްލެކްސްގެ މަސައްކަތް މިހާރު ކުރިއަށްދެއެެ.
ތިނަދޫ ފިޝަރީޒް ކޮމްޕްލެކްސް އަކީވެސް ޝިފްޓަކަށް 120 ޓަނު ފްރީޒް ކުރެވޭ އަދި 1000 ޓަނުގެ ކޯލްޑް ސްޓޯރެއް ގާއިމް ކުރެވޭ ސެންޓަރެކެވެ.
މިހާރު މި ދެ ސައިޓަށްވެސް ބޭނުންވާ ބިލްޑިން ސްޓްރަކްޗަރ އާއި މައިގަނޑު ހުރިހާ މެޝިނަރީއެއް ސައިޓަށް ގެންދެވި އަމަލީ މަސައްކަތް ފެށިފައިވެއެވެ.
މިއަހަރު ނިމުމުގެ ކުރިން ރާއްޖެ އައުމަށް ތައްޔާރުވެފައިވާ ޖަޒީރާ ސީރީޒްގެ 3 ބޯޓު މިފްކޯގެ އޮޕަރޭޝަނާއި ގުޅުމާއެކު ދިވެހިރާއްޖޭގެ ދެކުނާއި މެދުރާއްޖެތެރޭގައި މަސްވެރިކަން ރަގަޅު ދުވަސްވަރު ދިމާވާ ދަތިތަކަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށް މިފްކޯއިން ބުނެއެވެ.