370221149_1123934709012025_4846539435162766251_n

ގެމަނަފުށީ އޯކިޑު 707އަށް އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފި

މަހަށް ނިކުމެ އުޅެނިކޮށް ބިނދައިގެން ގޮސްފައިވާ ގެމަނަފުށީ "އޯކިޑް 707" މަސް ދޯންޏެއް އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ އައްޑޫ ސިޓީގެ ހުޅަނގު އުތުރުން 25 ނޯޓިކަލް މޭލު ބޭރުން، "އޯކިޑް 707" މަސްދޯނި ބިންދައިގެން ދިއުމާ ގުޅިގެން އެ ދޯންޏަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފޯތު ސްކޮޑްރަންއިން ފަށާފައިވާކަމަށެވެ.

މި ހާދިސާގައި ދޯނީގެ ކުރީކޮޅާއި ފަހަތުކޮޅު އެއްކޮށް ވަކިވެފައިވާކަމަށާއި ނަމަވެސް ދޯނީގައި ތިބި 10 ދިވެހިންނާއި 13 ބިދޭސީންގެ ހާލު ރަނގަޅުކަމަށް އެމްއެންޑީއެފުން ހާމަކުރެއެވެ. އެ ސަރަހައްދުގައި ކޯސްޓްގާޑުގެ ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓް "ދޮށިމޭނާ" މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ.

މި ހާދިސާ ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު ދޯނީގެ ވެރިންނަށް ލިބިފައިވަނީ މިއަދު ހެނދުނު 10:40 ހާއިރުއެވެ.

ދޯނި އެއްކޮށް ދެބުރިވެފައިވާއިރު، އެ ދޯންޏަކީ ދަގަނޑު ހޮޅި އަޅާފައި އޮތް ދޯންޏަކަށްވާތީ، އެއްކޮށް ދެބައި ވަކި ނުވާކަމަށްވާކަމަށް މައުލޫމާތުލިބެއެވެ. އޯކިޑު 707 އަކީ 111 ފޫޓުގެ ބޮޑު ދޯންޏެކެވެ. މީގެ ގާގަނޑަކަށް 6 އަހަރު ކުރިން ބަނދެފައިވާ މި ދޯންޏަކީ 35 މީހުންނަށް މަހަށްދެވޭ ދޯންޏެކެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!