ޤުދުރަތީ ގޮތުގައި ނުވަތަ ޠަބީޢީ ގޮތުގައި ހިމާޔަތްކޮށް ރައްކާތެރިކުރާ ދިރޭ ތަކެއްޗާ ބެހޭ ގަވާއިދަށް ފަސްވަނަ އިސްލާހު ގެނެސްފައި ވާއިރު، އެ ގަވާއިދުގައި، މަޑީގެ އާއިލާގެ ހުރިހާ ދިރުމަކާއި އެސޮރުމެންގެ މާހައުލުތައް ރައްކާތެރި ކުރުމުގައި އަމަލު ކުރާނެ ގޮތުގެ އުސޫލެއް ވަނީ ހިމަނާފައެވެ.
އެ އުސޫލގެ ފުރަތަމަ ނުކުތާއަކީ، ޤުދުރަތީ މާހައުލުން ފެންނަ މަޑީގެ ޠަބީއަތު ދަމަހައްޓައި، އެއަށް ބުރޫ ނާރާނެ ފަދައިން އިންސާނުންގެ އަމަލުތައް ބަހައްޓަންވީ ގޮތާއި، އެކަމުގައި ގެންގުޅެންވީ އުސޫލެވެ.
އެގޮތުން، މަޑި އުޅޭ ސަރަހައްދުގައި މޫދަށް އެރި އުޅޭއިރު ނުވަތަ ޑައިވް ކުރާއިރު ނުވަތަ ސްނޯކްލްކޮށް ފީނާއިރު އަމަލުތައް ބަހައްޓަން ޖެހޭނީ ވަކި ގޮތަކަށެވެ.
މޫދަށް އެރި ފީނާއިރު ނުވަތަ ޑައިވް ކުރާއިރު، އެމީހެއްގެ ގާތަށް ނުވަތަ އެ ބައެއްގެ ގާތަށް މަޑިއެއް އަތުވެއްޖެ ނަމަ އޮންނަން ވާނީ މަޑުމައިތިކަމާއެކުގައި ކަމަށާއި އެގޮތަށް ކައިރިއަށް އަންނަ އެއްވެސް ބާވަތެއްގެ މަޑިއެއްގައި އަތްލައިގެން ނުވާނެ ކަމަށް އެ އުސޫލުގައި ވެއެވެ.
އޭގެ އިތުރުން، ޑައިވް ކުރާއިރު ނުވަތަ ސްނޯކްލްކޮށް ފީނާއިރު ނުވަތަ އެހެން ހަރަކާތެއް ކުރާއިރު، މަދުވެގެން ތިން މީޓަރު ދުރުމިނެއް އެ މަޑިއާ ދެމެދުގައި ބަހައްޓަން ޖެހޭނެ ކަމަށް އުސޫލުގައި ބަޔާން ކޮށްފައި ވެއެވެ.
މަޑި ބަލައިލުމަށްޓަކައިވެސް މަޑިއާ ކައިރިވާން ވާނީ ވީހާވެސް މަޑުމަޑުން، މަޑީގެ އަރިމަތިން އެސޮރަށް ފެންނާނެހެން މަޑި ކުރިއަށްދާ މަގަށް ހުރަސް ނޭޅޭނެހެން ކަމަށާއި، އަދި ގުދުރަތީ މާހައުލެއްގައި ހަރަކާތްތެރިވާ އެއްވެސް މަޑިއަކަށް ކާންދީގެން ނުވާނެ ކަމަށް އެ އުސޫލުގައި ބުނެއެވެ.