18 މީޓަރަށްވުރެ ދިގު އުޅަނދު ފަހަރު ބަންނަން ފެށުމުގެ ކުރިން، އާކިޓެކްޓަކު ލައިވައި އުޅަނދު ފަރުމާކޮށް، ޓްރާސްޕޯޓު މިނިސްޓްރީން ހުއްދަ ހޯދަން ޖެހޭގޮތް ހަދަން ނިންމައިފިއެވެ.
އަންނަ އަހަރުގެ ނޮވެމްބަރުން ފެށިގެން ރާއްޖޭގައި އުޅަނދުފަހަރު ބަނދެވޭނީ ރަޖިސްޓަރީވެފައިވާ އަދި މާވަޑިން ތަމްރީނު ކުރުމުގެ ކޯސް ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާ މާވަޑިއެއްގެ ބެލުމުގެ ދަށުން ކަމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަނުން ހާމަކޮށްފިއެވެ.
މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަނުން ވިދާޅުވީ ރާއްޖޭގެ ކަނޑު ދަތުރުކުރާ އުޅަނދުފަހަރު ރާއްޖޭގައި ބަނުމުގެ ގަވާއިދު ތަންފީޒު ކުރުމަށްޓަކައި އެ މިނިސްޓްރީން އެކުލަވާލާފައިވާ މާވަޑިން ތަމްރީނު ކުރުމުގެ ކޯހުގެ ސިލަބަހާއި ބޯޓު ބިލްޑިންގ އަދި ބޯޓު ރިޕެއަރ އިންސްޕެކްޓަރސް ކޯހުގެ ސިލަބަސް އަދި ނޭވަލް އާކިޓެކް ރިފްރެޝަރ ކޯސްގެ ސިލަބަސް އެމިނިސްޓްރީގެ ވެބްސައިޓްގައި މިހާރު ޝާއިއުކޮށްފައިވާ ކަމަށެވެ.
އަދި މި ކޯސްތައް ހިންގުމަށް ބޭނުންވާ އިންސްޓިޓުތަކުން މި ކޯހުގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަކުރުމަށްފަހު ހުއްދަ ހޯއްދުމަށް މިނިސްޓްރީއަށް ހުށަހެޅުއްވުމަށް ވަނީ ހުޅުވާލާފައެވެ.
ރާއްޖޭގެ ކަނޑު ދަތުރުކުރާ އުޅަނދުފަހަރު ރާއްޖޭގައި ބަނުމުގެ ގަވާއިދު ތަންފީޒު ކުރުމަށްޓަކައި އަލަށް މާވަޑިންގެ ގޮތުގައި ޓްރާންސްޕޯޓު މިނިސްޓްރީން 12 ފެބްރުވަރީ 2024 ގެ ފަހުން މާވަޑިން ރަޖިސްޓަރީ ކޮށްދެވޭނީ ދަށްވެގެން މާވަޑިން ތަމްރީނު ކުރުމުގެ ކޯސް ފުރިހަމަކޮށްފައިވާ ފަރާތްތަކަށް ކަމަށެވެ.
އަދި މިހާރު މާވަޑިންގެ ގޮތުގައި މިމިނިސްޓްރީގެ ދަފުތަރުގައި ތަމްރީނެއް ފުރިހަމަކުރުމާ ނުލައި ތިބި މާވަޑިން 12 ނޮވެމްބަރު 2024 ގެ ކުރިން މާވަޑިކަމުގެ ކޯސް ފުރިހަމަ ކުރުމަށްވެސް ވަނީ އަންގާފައެވެ.
އަދި 12 ނޮވެމްބަރު 2024 ގެ ފަހުން އެއްވެސް އުޅަނދެއް ރާއްޖޭގައި ބަންނަން ވާނީ މިނިސްޓްރީގައި ރަޖިސްޓަރީވެ ދަށްވެގެން މާވަޑިން ތަމްރީނު ކުރުމުގެ ކޯސް ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާ މާވަޑިއެއްގެ ބެލުމުގެ ދަށުން ކަމަށްވަނީ އަންގާފައެވެ.
އަދި 18 މީޓަރުން ދިގު އުޅަނދު ފަހަރު 12 މެއި 2024 ގެ ފަހުން ބަންނަން ފަށަންވާނީ މިނިސްޓްރީން ހުއްދަ ދީފައިވާ ނޭވަލް އާކިޓެކްޓަކު ލައިވައި އުޅަނދު ފަރުމާކޮށް، މިނިސްޓްރީއަށް ކުރެހުންތަކާއި އިތުރު ތަފްސީލު އެފަރާތަކުން ހުށަހަޅައި މިނިސްޓްރީން ހުއްދަ ހޯދުމަށްފަހުގައި ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީން ވިދާޅުވެއެވެ.