މިއީ ފުވައްމުލަކަށް ކައްޓެޅި މޫސުމެވެ. ޏ. ފުވައްމުލަކަކީ ކައްޓެޅި ބޭނުމުގައި ރާއްޖޭގައި ނަން މަޝްހޫރު ރަށެކެވެ.
ކައްޓެޅި މޫސުމާއި އެކު ފުވައްމުލަކުގެ މަސް މާރުކޭޓު ފެންނަނީ ވަރަށް ތިޔާގިކޮށެވެ. އަގުތައް އުޅެނީ 200-500ރ އާއި ދޭތެރޭގައިކަމަށް މައުލުމާތު ލިބެއެވެ.
ކައްޓެޅި އަކީ އަތޮޅުން ބޭރު މާކަނޑުތަކުގައި ވަރަށް ފުނުގައި އުޅޭ މަހެކެވެ. މިއީ ރާއްޖޭގެ ބައެއް ހިސާބުތަކުން ރޭގަނޑު ފުނަށް ނަނު ފައްތައިގެން ކުރާ ކެޔޮޅު ކަމުގައި ބޭނޭ މަހެކެވެ. ކައްޓެޅި އަކީ ދިގުކޮށް ފަތިކޮށް ހުންނަ މަހެކެވެ. މަހުގެ އަނގަ ބޮޑުވެފައި ކޮޅަށް އޫ ވަރުގަދަ ދަތްތަކެއް ހުރެއެވެ. މަހުގެ ލޯ ބޮޑެވެ. ކަންފަތް ކުރެވެ. މަހުގައި ހުންނަނީ ވަރަށް ތުނި ހުޅުނބު ތަކެކެވެ.

މިއީ ކަށި ވަރަށް ގިނަ އެހެނަސް ކާން ވަރަށް މީރު މަހެކެވެ. މިއީ ބާނާފައި ރޮލަށް ހުރުމުން ވަރަށް އަވަހަށް ކުނިވާ މަހެއްކަން ފާހަގަ ކުރެވެއެވެ.
މިމަސް އެންމެ ބޮޑުވަނީ 1 މީޓަރަށެވެ. ނަމަވެސް ގިނައިން ފެނިފައި ހުންނަ އެންމެ ބޮޑެތި މަހުގައި ހުންނަނީ ގާތްގަނޑަކަށް 40 ސެންޓި މީޓަރުއެވެ. ކައްޓެޅި އަކީ އާންމު ގޮތެއްގައި 750-100 މީޓަރާއި ދެމެދުގެ ފުނުގައި އުޅޭ މަހެކެވެ. މަހުގެ ކާނާއަކީ އެކި ޒާތްޒާތުގެ ކުދިމަހާއި، ކަކުނި ފާނޑުގެ ސޫތްޕެވެ.
ކައްޓެޅިއަކީ ފުވައްމުލަކުގެ ރަސް މަހެވެ. އެމަސް ކެއުމަކީ އެމީހުންގެ އުފަލެކެވެ. ފުވައްމުލަކުގައި އާންމުކޮށް ކައްޓެޅި ކަނީ ގަރުދިޔަ ކައްކައިގެންނެވެ.