މަސްވެރިކަމުގެ ދާއިރާއަށް ވަކި ހާއްސަ މިނިސްޓްރީއެއް މި ސަރުކާރުންވަނީ އުފައްދަވާފައެވެ. މި މިނިސްޓްރީގެ މިނިސްޓަރަކަށް އައްޔަންކޮށްފައިވަނީ އެންމެން ވެސް ދެކެފަރަތި މޫނެއް ކަމުގައިވާ އަހުމަދު ޝިޔާމެވެ.
މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްގެ ނަމުގައި ވަކި މިނިސްޓްރީއެއް މި ސަރުކާރުން އުފައްދަވާފައިވާއިރު، މި އާއެކު ހެޔޮ ބަދަލުތަކެއް އަންނާނެކަމަށް މަސްވެރިން ދެކެއެވެ.
ޕީޕީއެމް/ޕީއެންސީގެ ސަރުކާރެއްގައި މަސްވެރިންނަށް ގިނަ ކަންތައްތަކެއް ކޮށްދެއްވާނެ ކަމަށްވަނީ ވައުދުވެފައެވެ.
އެގޮތުން މަސް ކިރޭނެ ފަސޭހަ އިންތިޒާމްތަކެއް ޤާއިމްކޮށްދިނުމާއި މަހަށް ރަނގަޅު އަގެއް ހޯދައިދިނުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައްކޮށްދެއްވާނެ ކަމަށް ރައީސް ޑރ. މުޢިއްޒުވަނީ ވިދާޅުވެފައެވެ.
މަސްވެރިކަމުގެ ދާއިރާއަށް ގެންނަވާނެ ހެޔޮ ބަދަލުތަކުގެތެރޭގައި:
- މަސް ކިރާ ވަގުތުން ފެށިގެން އެންމެ ލަސްވެގެން 48 ގަޑިއިރުގެ ތެރޭގައި މަސްވެރިޔާއަށް ފައިސާ ލިބޭނެ އިންތިޒާމު ހަމަޖެއްސުން.
- މަސްވެރީންގެ ކޯޕަރެޓިވް ސޮސައިޓީއެއް އުފައްދާ، އެކުންފުންޏަށް މިފްކޯއިން ޙިއްޞާއެއް ކަނޑައަޅާ، އެކުންފުންޏަކީ މަސްވެރީން ތަމްސީލުކުރާ ހިއްސާދާރުންގެ ގޮތުގައި މިފްކޯގެ ބޯޑުގައި ހިމެނޭ ބައެއްގެ ގޮތުގައި އެކަށައަޅާ، އެކޯޕަރެޓިވް މެދުވެރިކޮށް މިފްކޯ ހިންގުމުގައި މަސްވެރީންގެ ސީދާ އަޑު ބޯޑަށް ފޯރުކޮށްދީ، މިފްކޯގެ ހިއްސާ މަސްވެރީންނަށް ލިބޭނެ ނިޒާމެއް ޤާއިމުކޮށް، ކޯޕަރެޓިވްގެ ލަފަޔާއެއްގޮތަށް މަސްވެރީން ކިރާ މަހުގެ އަގު ޑޮލަރުން ދެވޭނެފަދަ ގޮތަކަށް ނިޒާމު އިޞްލާޙުކުރުމާ ދިމާއަށް އަމާޒުހިފުން.
- ރާއްޖޭގައި މަސް ރައްކާކުރެވޭ ކެޕޭސިޓީ ދެގުނައަށް އިތުރުކުރުން.
- މަސްވެރިކަމަކީ ވަޒީފާއެއްކަމުގައި އެކަށައަޅާ، ބޭންކިންގގެ ކްރެޑިޓް ރޭޓިންގގެ ތެރެއަށް ފެތި، މާލީ އިދާރާތަކުގެ ތެރެއިން ލޯނު ލިބުންފަދަ އިތުރު ޚިދުމަތްތައް ހޯދަން މަސްވެރީންނަށް ފުރުޞަތު ހުޅުވާލުން.
- މަހުގެ ވިޔަފާރި ކުރާނެ ގޮޅިތަކަކާއި، މުބާރާތްތައް ރާވާ ހިންގާނެ އިދާރީ އޮފީހަކާ، ރެސްޓޯރަންޓް އަދި ކެފޭތަކާ، މަސްވެރިކަމާގުޅޭ ތަކެތި ވިއްކާ އަދި ޚިދުމަތް ދޭ ވިޔަފާރިކުރާ ތަންތަނާ، ބާބަކިއު ހެދޭނެ އިންތިޒާމު ހަމަޖެހިފައިވާ ސަރަޙައްދުތައް ހިމެނޭ ގޮތަށް، ސްޕޯޓްސް ފިޝިންގ ހާބަރެއް ޤާއިމުކުރުން.
- ޗައިނާ އަދި ހޮންގކޮންގ އާއެކު ހެދިފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުންތަކުގެ ތެރެއިން މަސް ބޭރުކުރަން ފެށުމާއެކު، އެފަދަ ބޮޑެތި އެހެން މާރކެޓުތައް ފާހަގަކޮށް، އިތުރު އެއްބަސްވުންތައް ޤާއިމުކުރުން.
- ދުނިޔޭގެ ބާޒާރުގައި މަހުގެ އަގަށް އަންނަ ބަދަލަށް ރިޢާޔަތްކޮށް، ރާއްޖޭގައި ރޯމަސް ގަންނަ އަގަކީ ކިލޯއަކަށް 20 ރުފިޔާކަމުގައި ހަމަޖެއްސުން.
- އާރް.އެސް.ޑަބްލިޔު ސިސްޓަމް އޮޑިފަހަރުގައި ހަރުކުރުމަށް ލުއި ލޯނު ދޫކުރުން.
- ފެލިވަރާއި ކޫއްޑޫގައި ހުރި މަސް ފެކްޓްރީތައް އާބާތުރަ ފިލުވައި، ޒަމާނީ ފެންވަރަށް ތަރައްޤީކުރުމާއި، ދ. މާދެލީގައި، އެ ސަރަޙައްދުގެ މަސްވެރީންގެ ފައިދާއަށްޓަކައި، އާ މަސް ފެކްޓްރީއެއް ޤާއިމުކުރުން.
- މިފްކޯއަށް ބޮޑުކަންނެލި ގަންނަން ފެށުމާއި، ބޮޑު ކަންނެލީގެ އަގަކީ 80 ރުފިޔާކަމަށާއި، އޭ-ގްރޭޑް ނަމަ 100 ރުފިޔާކަމަށް ހަމަޖެއްސުން.
- ޒަމާނީ ފެންވަރަށް ތަރައްޤީކުރެވޭ އާ މަސްމާރުކޭޓެއް މާލޭގައި ބިނާކުރުން.
- ޤައުމީ ފެންވަރުގައި، އަގުހުރި އިނާމުތަކެއް ހިމެނޭގޮތަށް، މަސްރޭހެއް އަހަރަކު އެއް ފަހަރު ބޭއްވުން.
- ކޮންމެ އަތޮޅެއްގައި އެ އަތޮޅަކަށް ބޭނުންވާނެ ގަނޑުފެން ލިބޭނެ އައިސް ޕްލާންޓް ޤާއިމުކުރުން.
- މަސްވެރީންނަށް ބޭނުންވާނެ ތެޔޮ، ބޭސް ރޭޓުގައި، އެސް.ޓީ.އޯ މެދުވެރިކޮށް މިފްކޯއިން ވިއްކަން ފެށުން.
- އެން ކަނދުފަތި އެޅުން ފުޅާކުރުމާއެކު، ރަނގަޅަށް ބެލެހެއްޓޭނެ ނިޒާމެއް ޤާއިމުކުރުން.
- ހުވަދު އަތޮޅާއި އައްޑޫ ސިޓީގައި ޑީކޮމްޕްރެޝަން ޗޭމްބަރު ބެހެއްޓުން.
- ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި މަސް އައިން ހޯދުމުގެ މަރުކަޒީ ނިޒާމެއް ޤާއިމުކޮށް، އޭގެ ފައިދާ މަސްވެރީންނަށް ލިބޭނެ މަގު ފަހިކޮށްދިނުން.
- މަހުން އުފައްދާ ބާވަތްތަކާއި ސީފުޑްގެ ބާވަތްތައް ވިއްކުމަށް، ޒުވާނުންނާއި އަންހެނުންނަށް ޚާއްޞަ ކުރެވިގެން ޤާއިމުކުރެވޭ އޮންލައިން ޕްލެޓްފޯމެއް ތަޢާރަފުކުރުން.
- ވަދު ބައްތެލިފަހަރާއި ޑިންގީތަކަށް ޚާއްޞަކުރެވިގެން، އެކަށައެޅޭ ސަރަޙައްދުތަކުގައި، ކަނދުފަތި އެޅުން.
- އައިސް ޕްލާންޓުތަކުގައި އައިސް ހުރިވަރު ބަލާލެވޭނެ އޮންލައިން ޕޯޓަލްއެއް ތަޢާރަފް ކުރުން.
- ކޮންމެ އޮޑިއަކުން އެއް ފަޅުވެރިއަކަށް ރެސްކިއު ޑައިވިންގ ފެންވަރުގެ ސަނަދެއް ހާސިލުކުރުމުގެ ފުރުޞަތު ފަހިކޮށްދިނުން.
- މަހުން އުފައްދާ ތައްޔާރީ ކާނާ ބަންދުކުރުމުގެ މަޢުލޫމާތު ޢާންމުކުރުމުގެ ހޭލުންތެރިކަމުގެ ޕްރޮގްރާމުތަކެއް ހިންގުމާއި، އެފަދަ ވިޔަފާރިތައް އަލަށް ފަށަން ޝައުޤުވެރިވާ ފަރާތްތަކަށް ކުޑަ އިންޓަރެސްޓެއްގައި ލޯނު ލިބޭނެ ނިޒާމެއް ތައާރަފުކުރުން.
- ބޭރު ދުނިޔޭގެ މާކެޓްތަކުގައި ދިވެހި މަސްވެރިކަމުގެ އުފެއްދުންތައް އިސްތިހާރުކޮށް، ވިޔަފާރި ފަހި ކޮށްދޭނެ މާރކެޓިންގ އޭޖެންސީއެއް ޤާއިމުކުރުން.
- ފަރުމަސް އާލާކުރާނެ ގޮތް ދަސްކޮށްދޭނެ ޓްރެއިނާސް ތަމްރީންކޮށް، އެކަމަށް ބޭނުންވާ ހެޗަރީތައް ޤާއިމުކުރާނެ ގޮތާއި އެކުއަކަލްޗަރގެ ހުނަރުތައް ގިނަ ޒުވާނުންތަކަކަށް ދަސްކޮށްދީ، އެދާއިރާގެ ވިޔަފާރިތައް ފުޅާކުރަން ބާރުއެޅުން.
- ޕްރައިވެޓް ސެކްޓަރ އިންވެސްޓްމަންޓްތަކަށް އިންސެންޓިވްއެއް ދިނުމަށް، ފާހަގަކުރެވޭ ވަކި ސަރަހައްދުތަކެއްގައި އެން އާލާކުރުމަށް ހެޗަރީތަކެއް ޤާއިމުކުރުން.
- ދިގު މުއްދަތައް މަސްވެރިކަމުގައި ހަރަކާތްތެރިވާ މަސްވެރީން ދެނެގަނެ، އެފަރާތްތަކަށް ހިތްވަރު ދިނުމާއި އެކު އިތުރު ފުރުޞަތު ތަނަވަސްކޮށްދިނުމަށް ރަޖިސްޓްރީއެއް އެކުލަވާލުން.
- ފަރުމަހުގެ އާބާދީ ދެމެހެއްޓެނިވި ގޮތެއްގައި އިތުރުކުރެވޭނެ ގޮތްތައް ދިރާސާ ކުރުން.
- އައްޑޫ ސިޓީ ހުޅުމީދޫގައި ހުރި ޕްލާންޓް ޒަމާނީ ކޭނިންގ ފެކްޓަރީއަކަށް ބަދަލުކޮށް، 500 ވަޒީފާ އުފައްދަން މަސައްކަތްކުރުން.