މަސްވެރިކަމާއި ގުޅޭ

big_Ligzu9XGoukvrA6CboTIm10Z9

ތިނަދޫ ދޯނިއެހެލާ ސަރަޙައްދަށް އެހެލާފައިވާ އުޅަނދުތަކުގެ ދަފްތަރު އެކުލަވާލަނީ

ގދ. ތިނަދޫ އިރުމަތީ ފަރާތު ދޯނިއެހެލާ ސަރަޙައްދަށް އެހެލާފައިވާ އުޅަނދުތަކުގެ ދަފްތަރެއް އެކުލަވާލަން އެރަށު ކައުންސިލުން އިއުލާނުކޮށްފިއެވެ.

ތިނަދޫ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ، މިދަފްތަރު އެކުލަވާލުމުގެ ބޭނުމަކީ، ތަރުތީބެއް ނެތި ދިގުމުއްދަތަކަށް އުޅަނދުތައް އެހެލާފައި ހުރުމުގެ ސަބަބުން، އޮޑިދޯނިފަހަރު މަރާމާތު ކުރަން ބޭނުންވާ ގިނަ ބަޔަކަށް ހަމަހަމަ ކަމާއެކު އެސަރަޙައްދަށް ދޯނި އެހެލުމުގެ ފުރުޞަތު ލިބެމުންނުދާ މައްސަލަ ޙައްލު ކުރުމަށް ކަމަށެވެ.

އަދި އުޅަނދު އެހެލާފައިވާ ދުވަސްތަކުގައި  މަސްވެރިކަން ކުރުމަށް ރަޖިސްޓްރީ ކޮށްފައިވާ އުޅަނދުފަހަރު މަހަށް ފުރަންޖެހޭ ދުވަސްތަކަށް މަހަށް ނުފުރުމުން ކުރެވޭ ޖޫރިމައިނާއާއި އެހެނިހެން އުޅަނދުތަކުން ސަރުކާރަށް ދައްކަން ޖެހޭ އަހަރީފީ މަޢާފުކޮށްދިނުމަށް އެދި ހުށަހަޅަންޖެހޭ ލިޔުންތައް ހޯދުމަށް އެއިދާރާގައި އެދުމުން ފަސޭހަކަމާއެކު އެފަދަ ލިޔުންތައް ދޫކުރެވޭނެ މަގު ފަހިކުރުމަށް ކަމަށްވެސް ތިނަދޫ ކައުންސިލްގެ އިއުލާނުގައި ވެއެވެ.

އެހެންކަމުން، އަންނަ މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް ތިނަދޫ އިރުމަތީފަރާތު ދޯނިއެހެލާ ސަރަޙައްދަށް އެހެލާފައިވާ އުޅަނދުތައް އެމިއިދާރާގެ " މަރާމާތުކުރުމަށް އެހެލާ އުޅަނދުފަހަރުގެ ދަފްތަރު " ގައި ރަޖިސްޓްރީ ކުރުމަށް ތިނަދޫ ކައުންސިލުން ވަނީ އެދިފައެވެ.

"މިއާއެކު 19 ޑިސެމްބަރ 2023  ވަނަ ދުވަހުން ފެށިގެން އެ ސަރަޙައްދަށް އެއްވެސް އުޅަނދެއް އެހެލަންވާނީ، މިއިދާރާއިން ހުއްދަދިނުމުން ކަމުގައި ދަންނަވަން" ތިނަދޫ ކައުންސިލްގެ އިއުލާނުގައި ވެއެވެ.

ކަނޑައެޅިފައިވާ ތާރީޚާއި ހަމައަށް ތިނަދޫ ކައުންސިލްގެ އިދާރާގެ ދަފްތަރުގައި ރަޖިސްޓްރީ ނުކުރާ އުޅަނދުތައް  ނެގުމުގެ މަސައްކަތް މިއެއިދާރާއިން ކުރިޔަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ.

އެގޮތުން އުޅަނދުފަހަރު ނަގާއިރު އެއުޅަނދުތަކަށް ލިބޭ ގެއްލުމުގެ ޒިންމާ އެމިއިދާރާއިން ނުނަގާނެ ކަމަށް ތިނަދޫ ކައުންސިލުން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!