ކެޔޮޅުންގެ އެވޯޑަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ.
ކޮންމެ އަހަރެއްގެވެސް މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ބާއްވާ ހަފްލާގައި އެންމެ މޮޅު ކެޔޮޅަށް އެވޯޑު ދެއެވެ.
މަސްވެރިކަމާއި ގުޅޭ ވުޒާރާއިން ބުނީ މިއަހަރުގެ އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ އިރު،
މި އެވޯޑަށް ކުރިމަތިލެވޭނީ މަސްވެރިކަމުގައި ޢަމަލީގޮތުން އުޅޭ، އަދި އާމްދަނީ ހޯދުމަށް އެހެން މަސައްކަތެއް ނުކުރާ ކެޔޮޅުންނަށެވެ.
އެގޮތުން އެންމެ ޚިދުމަތްތެރި ޒުވާން (35 އަހަރުން ދަށް) ކެޔޮޅަކާއި އެންމެ ތަޖުރިބާކާރު (35 އަހަރުން މަތި) ކެޔޮޅު ހޮވައި، އެ ދެފަރާތުގެ އަގު ވަޒަން ކުރުމުގެ ގޮތުން އެވޯޑެއް ދޭގޮތަށްވަނީ ހަމަޖެހިފައިވެއެވެ.
މި ދެ އެވޯޑަށް ކުރިމަތިލުމަށް ބޭނުންވާ، ފަރާތްތަކުން، ފޯމް ފުރިހަމަ ކުރެއްވުމަށް ފަހު 30 ނޮވެމްބަރު 2023 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން މަސްވެރިކަމާއި ގުޅޭ ވުޒާރާއަށް ހުށަހެޅުމަށް ވަނީ ހުޅުވާލާފައެވެ.
ކެޔޮޅުންގެ އެވޯޑަށް އެދި ހުށަހެޅުމަށް ތައްޔާރުކޮށްފައިވާ ފޯމު މިނިސްޓްރީގެ ވެބްސައިޓް އިން ޑައުންލޯޑު ކުރެވޭނެއެވެ. މިދެއެވޯޑަށް އެދި އަމިއްލަ ހައިސިއްޔަތުން ނުވަތަ އެހެން ފަރާތަކުންވެސް ނަން ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވިފައެވެ. އެވޯޑަށް އެދި ހުށަހަޅާ ފޯމް ވުޒާރަގެ އީމެއިލް އެޑްރެސް fisheriesmanagement@fishagri.gov.mv އަށް ފޮނުއްވުމަށް އެ ވުޒާރާއިން އެދެއެވެ.
ރާއްޖޭގައި މަސްވެރިންގެ ދުވަސް ފާހަގަ ކުރަނީ ކޮންމެ އަހަރެއްގެ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހުއެވެ.