ތިލަފުށި ބިން ހިއްކުމަށް ހަމަޖެހިފައިވާ ސަރަހައްދުގައި ހުރި އުޅަނދުތައް ނެގުމަށް އަންގައިފި

ތިލަފުށި
ތިލަފުށި

ތިލަފުށީގެ ބިން ހިއްކުމުގެ މަސައްކަތްކުރުމަށްޓަކައި އެ ސަރަހައްދުގައި އަޅާފައިވާ އުޅަނދުތައް ނެގުމަށް އެޗްޑީސީން އަންގައިފިއެވެ.

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީން ބުނީ ތިލަފުށީގެ މާސްޓަރ ޕްލޭނާއި އެއްގޮތަށް ތިލަފުށި ތަރައްޤީކުރުމަކީ ދިވެހިރާއްޖޭގެ އިޤްތިޞާދާއި ވަރަށް ބޮޑަށް ގުޅިފައިވާ ކަމަކަށްވާތީ، މާސްޓަރ ޕްލޭނާއި އެއްގޮތަށް ހިއްކަންޖެހޭ ސަރަޙައްދުތައް ހިއްކުން އަވަސް މުއްދަތެއްގެ ތެރޭގައި ނިންމުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެގޮތުން ތިލަފުށީގެ ފަޅުތެރެއިން ހިއްކުމަށް ހަމަޖެހިފައިވާ އޭރިއާ – E ހިއްކުމުގެ މަސައްކަތް 18 ޑިސެމްބަރު 2023 ގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ. ނަމަވެސް އެޗްޑީސީން ކުރިއަށްގެންދިޔަ ސާރވޭތަކުން، ފަޅު ތެރޭގައި އަޑިއަށް ގޮސްފައިވާ އުޅަނދުތަކާއި، އަދި ގިނަ ދުވަސްތަކެއް ވަންދެން ބޭނުން ނުކޮށް ހުރި އުޅަނދުތައް ފަޅުތެރޭގައި އަޅާފައިވާކަމާއި އަދި، ހިއްކުމަށް ހަމަޖެހިފައިވާ ސަރަޙައްދުގެ ވަށައިގެން ހުރި ބިންތަކުގައި އުޅަނދުތައް މަރާމާތުކުރުމުގެ މަސައްކަތްތައް ކުރިއަށްދާކަން ވަނީ ފާހަގަކުރެވިފައިކަމަށް އެޗްޑީސީން ހާމަކުރެއެވެ.

އެޗްޑީސީން ވިދާޅުވީ އެ ސަރަޙައްދުގައިވާ އުޅަނދުތައް މިމަހުގެ 20ވަނަ ދުވަހުން ފެށިގެން 07 ދުވަހުގެ ތެރޭގައި ނަގަންޖެހޭނެ ކަމަށެވެ. އަދި މިމުއްދަތުގައި އުޅަނދުތައް ނަގާފައި ނުވާނަމަ މިކޯޕަރޭޝަން އަމަލުކުރާ އުޞޫލުގެ ދަށުން އުޅަނދުތަކާމެދު ޢަމަލުކުރެވޭނެ ކަމަށެވެ.

އަދި، މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންވާ ނަމަ، މިކޯޕަރޭޝަނުގެ ހޮޓްލައިން 1516 އަށް ގުޅުއްވައިގެން ކުރިއަށްގެންދިޔުމަށް އެޗްޑީސީންވަނީ އެދިފައެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ