މިއަހަރުގެ މަސްވެރިންގެ ދުވަހުގެ ރަސްމީ އިހުތިފާލުތައް މާލޭގައި ބޭއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
މަސްވެރިންގެ ދުވަހުގެ އިހުތިފާލުތައް މާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާކަން ހާމަކޮށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން މިއަދު ކުރި ޓުވީޓެއްގައި ބުނެފައިވަނީ މި އަހަރު ވެސް މަސްވެރިންގެ ދުވަހާ ގުޅިގެން ތަފާތު ހަރަކާތްތައް އެ ވުޒާރާއިން ދަނީ ރާވަމުން ކަމަށެވެ.
43 ވަނަ މަސްވެރިންގެ ދުވަހުގެ ރަސްމީ އިޙްތިފާލުތައް މާލޭގައި ބޭއްވުމަށް
ރައީސުލް ޖުމްހޫރިއްޔާ ކަނޑައަޅުއްވައިފި. މި އަހަރުވެސް މަސްވެރިންގެ ދުވަހާ
ގުޅިގެން ތަފާތު ޙަރަކާތްތައް މިނިސްޓްރީން ދަނީ ރާވަމުން. pic.twitter.com/rM85yHzk4P— Ministry of Fisheries and Ocean Resources (@MFORmv) November 23, 2023
މަސްވެރިންގެ ދުވަސް ފާހަގަ ކުރުމަށް ބާއްވާ ހަފުލާގައި މިހާރު ވެސް މަސްވެރިކަމުގައި އަމަލީގޮތުން އުޅޭ އަދި މަސްވެރިކަން ފިޔަވައި އާމްދަނީ ހޯދުމަށް އެހެން މަސައްކަތެއް ނުކުރާ އެންމެ ޚިދުމަތްތެރި ޒުވާން (35 އަހަރުން ދަށް) ކެޔޮޅަކާއި, އެންމެ ތަޖުރިބާކާރު (35 އަހަރުން މަތި) ކެޔޮޅު ހޮވައި, އެ ދެފަރާތުގެ އަގު ވަޒަން ކުރުމުގެ ގޮތުން އެވޯޑެއް ދޭ ގޮތަށް ވެސް ވަނީ ހަމަޖެހިފައެވެ. މި ދެ އެވޯޑަށް ކުރިމަތިލުމަށް މިހާރު ވަނީ ހުޅުވައިލާފައެވެ.
1989ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ޑިސެންބަރުމަހުގެ 10 ވަނަ ދުވަސް، މަސްވެރިންގެ ދުވަހުގެ ގޮތުގައި ރަސްމީކޮށް ސަރުކާރުން ގެންދަނީ ފާހަގަ ކުރަމުންނެވެ. އެންމެފަހުން 2022 ވަނަ އަހަރު މަސްވެރިންގެ ދުވަސް ފާހަގަ ކޮށްފައި ވަނީ ގދ.ފަރެސްމާތޮޑާގައެވެ.