އެއްވަނަ ޓީމަކަށް 5000 ރުފިޔާގެ އިނާމެއް ދިނުމަށް ހަމަޖައްސައި، މި އަހަރުގެ މަސްވެރިންގެ ދުވަހުވެސް ރ. މަޑުއްވަރީގައި ފަރުމަސް ބޭނުމުގެ މުބާރާތުގެ ބާއްވަން އެރަށު ކައުންސިލްގެ އިދާރާއިން ނިންމައިފިއެވެ.
މަޑުއްވަރީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ، މި އަހަރު ފާހަގަ ކުރާ ދިވެހިރާއްޖޭގެ 43 ވަނަ މަސްވެރިންގެ ދުވަހުގެ މުނާޞަބަތުގައި، އެރަށުގައި ބާއްވާ މަސްރޭސް އޮންނާނީ ޑިސެންބަރު 10 ދުވަހު ކަމަށެވެ.
މިރޭހުގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓްގައި ރަޖިސްޓްރީކޮށް، ރަޖިސްޓްރީ ނަންބަރު އޮޑީގައި ޖަހާފައިވާ އުޅަނދުފަހަރަށެވެ.
މުބާރާތުގައި ހޮވުމަށް ކަނޑައަޅާފައިވާ ވަނަތަކާއި އިނާމުތައް ތިރީގައިއެވަނީއެވެ.
(ހ) މުބާރާތުގައި އެންމެ ގިނަ ކިލޯ ކިރުވާ ޓީމް – 5000 ރުފިޔާ
(ށ) މުބާރާތުގައި ދެވަނައަށް އެންމެ ގިނަ ކިލޯ ކިރުވާ ޓީމް – 3000 ރުފިޔާ
(ނ) މުބާރާތުގައި ތިންވަނައަށް އެންމެ ގިނަ ކިލޯ ކިރުވާ ޓީމް – 1500 ރުފިޔާ
(ރ) މުބާރާތުގައި އެންމެ ބަރު މަސް ކިރުވާ ޓީމް – 500 ރުފިޔާ
މިމަސްރޭހުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރުމަށްފަހު 2023 ޑިސެންބަރު 06 ވަނަ ދުވަހުގެ 14:00ގެ ކުރިން ކައުންސިލަށް ހުށަހެޅުމަށްވަނީ ހުޅުވާލާފައެވެ. މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް މެއިލްކުރާނީ info@raamaduvvari.gov.mv އަށެވެ.