މަސްވެރިކަމާއި ގުޅޭ

Shiyam

ޝިޔާމް ތަފާތު، ގުޅީ ސީދާ މަސްވެރިޔާއަށް!

މި ސަރުކާރަކީ ކުރިން ދެއްކި ވާހަކަތައް ހަނދާންނައްތާލާނެ ބައެއްނޫންކަމަށާއި، މަސްވެރި ސިނާޢަތުގައި ހުރި ގޮންޖެހުންތަކަށް ދާއިމީ ހައްލެއް ރައީސް ޑރ.މުއިއްޒުގެ ސަރުކާރުން ހޯދައިދޭނެ ކަމަށް މަސްވެރިކަމާއި ގުޅޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މަސްވެރިއެއް ސޯޝަލް މީޑިއާގައި ހިއްސާ ކުރި ޕޯސްޓަކާއި ގުޅިގެން ވަޒީރު ވަނީ އެ މަސްވެރިއާ އާއި ފޯނުން ގުޅައި ކަންބޮޑުވުންތައް އޮޅުން ފިލުއްވާފައެވެ. އަދި މަސްވެރިންނަށް ނުދެވި ހުރި ފައިސާތައް ހަމަޖެއްސުމަށް މަސައްކަތްކުރައްވަމުންދާކަމުގެ ޔަޤީންކަން ވަނީ ދެއްވާފައެވެ.

ފޯން ކޯލަށްފަހު ވަޒީރު އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައި ވަޒީރު ޝިޔާމް ވިދާޅުވެފައިވަނީ ޖިނާހް (ޖިނާއްޕެ) މީސްމީޑިޔާ މެދުވެރިކޮށް ފާޅުކުރެއްވި ކަންބޮޑުވުމަކީ ރައީސުލްޖުމުހޫރިއްޔާވެސް މިވަގުތު އެންމެ ބޮޑު އަހައްމިއްޔަތުކަމެއް ދެއްވައިގެން ވަރަށް އަވަސް ހައްލެއް ހޯއްދަވަން މަސައްކަތްޕުޅުކުރައްވަމުން ގެންދަވާ ކަންބޮޑުވުމެއްކަމުގައެވެ.

އަދި މީސްމީޑިޔާ މެދުވެރިކޮށް އެތައް މަސްވެރިއެއްގެ ޙައްޤުގައި އަޑުއުފުލީތީ އުފާކުރައްވާ ކަމަށް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ ދައްކާ ވާހަކަ ހަނދާންނައްތާލާނެ ބައެއްނޫންކަމުގެ ޔަޤީންކަން ދެއްވާކަމަށާއި، މަސްވެރި ސިނާޢަތުގައި ހުރި ގޮންޖެހުންތަކަށް ދާއިމީ ހައްލެއް ރައީސް ޑރ.މުއިއްޒުގެ ސަރުކާރުގައި ލަސްތަކެއްނުވެ ހޯދާނެކަމަށެވެ.

ވަޒީރު ވިދާޅުވީ އަމާޒަކީ މަސްވެރިންގެ އަޑު ގާތުން އަހައިގެން ޖުމްލަ ހައްލަށް މަސައްކަތްކުރުންކަމަށެވެ.

ވަޒީރު ކަމާއި ހަވާލުވެވަޑައިގެންނެވުމަށްފަހު ޝިޔާމް ގެންދަވަނީ މަސްވެރިންނަށް ނުދެވި ހުރި ފައިސާތައް ހަމަޖެއްސުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން 200 މިލިއަނެއް ހާ ރުފިޔާ ގެ ތެރެއިން މިހާތަކަށްވަނީ 30 މިލިއަން ދޫކޮށްފައެވެ.

މަސްވެރިންނަށް ފައިސާ ދިނުމުގައި ލަސްތަކެއް ކުރިމަތިވެފައިވަނީ ކުރީ ސަރުކާރުން ކެމްޕެއިންގެ ދުވަސްވަރު މަހުގެ އަގު ކިލޯއެއް 25 ރުފިޔާއަށް ބޮޑު ކުރުމުން އެ މިންވަރަށް ފައިސާ ދޫކުރުމަށް ސަރުކާރަށް ދަތިވުމެވެ.

މި ސަރުކާރުން ވަނީ މަސްވެރިންނަށްވެސް އަދި މަސް ގަންނަ ކުންފުނިތަކަށްވެސް ދަތި ނުވާނެ އަގެއް ކަނޑައެޅުމަށް ނިންމާފައެވެ. އެގޮތުން ދަށްވެގެން މަސް ކިލޯއެއްގެ އަގު 20 ރުފިޔާއަށް ހެދުމަށް ވަނީ ރާވާފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

3 Responses

  1. ސިޔާސީބޭނުމަށް މަސްގަންނަ އަގާ ކުޅުމުގެ ނަތީޖާއަކީ މަސްވެރިކަމުގެ ސިނާއަތުގަ އުޅޭ އަމިއްލަ ކުންފުނިތައް ފުޑުފުޑުވުން. ސަރުކާރުންވެސް އަގު ކަނޑައަޅާއިރު މަސްބޭރުކޮށްވިއްކޭނެ އަގެއް ކަނޑައެޅުން ވަރަށް މުހިއްމު. ބާނާ ހުރިހާމަހެއް ދަޅުގައި ބަންދެއްވެސް ނުކުރެވޭނެ. އެހެންވީމާ ރޯމަސްއެކްޕޯރޓްކޮށް ވިއްކޭނެ ގޮތަށް އަގު ކަނޑައެޅުން ވަރަށް މުހިއްމު. ސަރުކާރޭ ކިޔާފަ ނުއަގުގައި މަސްގަނެ ރައްޔިތުންގެ ފައިސާ މަސްވެރިންނަށް ދިނުން އެއިކީމާ ދެކޮޅު ޖެހޭ ކަމެއް ނޫން، ދެންވެސް ތިބީ ދިވެހިން އެމީހުންވެސް ވަރަށް ބުރަކޮށް މަސައްކަތް ކޮށްގެން އާމްފަނީ ހޯދަނީ

  2. މަސްވެރިންނަށް ޕެންޝަން ގަ ބައިވެރި ކުރުން ލާޒިމް ކުރަން އެބަ ޖެހޭ. މުޅި އުމުރު މަސައްކަތްކޮއްފަ ޕެންޝަނުގަ 0.

Comments are closed.