ރާއްޖެއިން ތުރުކީއަށް އެކްސްޕޯޓު ކުރާ ކަނޑުމަހުން ނަގާ ޓެރިފް ކުޑަކުރުގެ މަސައްކަތް ފަށާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ތުރުކީވިލާތަށާއި، ޔޫއޭއީއަށް ކުރެއްވި ދަތުރުފުޅަށްފަހު ރާއްޖެވަޑައިގެން މީޑިއާއަށް މަޢުލޫމާތު ދެއްވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު، ތުރުކީވިލާތަށް ކުރެއްވި ދަތުރުފުޅުގައިވަނީ އެޤައުމުގެ ރައީސް ރަޖަބް ޠައްޔިބް އުރްދުޣާންގެ އިތުރުން އެޤައުމުގެ އެކި ދާއިރާތަކުން ސަރުކާރުގެ މަތީ ފަންތީގެ ވެރިންނާ ބައްދަލުކުރައްވާފައެވެ. ރައީސް ޑރ.މުޢިއްޒު ވިދާޅުވީ ވިޔަފާރީގެ މުއާމަލާތްތައް މަދުވެގެން ދެގުނަކުރުމަށް ނިންމާފައިވާއިރު، ރާއްޖެއިން އެޤައުމަށް އެކްސްޕޯޓުކުރާ މަހުގެ ޓެރިފް ކުޑަކުރުމަށް ގިނަ މަޝްވަރާތަކެއް ކުރެވިފައިވާކަމަށެވެ.
" މަހުގެ އެކްސްޕޯޓު ރާއްޖެއިން ތުރުކީއަށް ކުރެވޭނެގޮތެއް، ވަރަށް ޕޮޒިޓިވްކޮށް ބަލައިގަނެފައިވަނީ، ވަރަށް ކުޑަ ޓެރިފެއްގައި އެކްސްޕޯޓުކުރެވޭނެ ގޮތެއް ބަލާ ހަމަޖެއްސުމުގެ މަސައްކަތްވަނީ ފެށިފައި،" ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމާއި ހަވާލުވެ ވަޑައިގަތުމަށްފަހު ރާއްޖެއިން ބޭރަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅުގައި ރައީސުލްޖުމްހުރިއްޔާގެ ދެކަނބަލުން ތުރުކީއަށް ވަޑައިގަތީ މިމަހުގެ 26 ވަނަ ދުވަހުއެވެ. ރައީސުލްޖުމްހޫރިއްޔާ ތުރުކީއަށް ވަޑައިގެންނެވީ ތުރުކީގެ ރައީސް ރަޖަބް ޠައްޔިބް އުރްދުޣާންގެ ދަޢުވަތަކަށެވެ.
މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދިވެހި ސަރުކާރުގެ އިސް ބޭފުޅުން ހިމެނޭ ވަފުދެއް ބައިވެރިވެވަޑައިގެންފައިވެއެވެ.