ކޮޅުފުށީގައި މަސްކަނޑާ 2 އަށި ހަދައިދޭނެ ފަރާތެއް ހޯދަނީ

މ. ކޮޅުފުށި، ފޮޓޯ- ކޮޅުފުށި ފޭސްބުކް ޕޭޖް
މ. ކޮޅުފުށި، ފޮޓޯ- ކޮޅުފުށި ފޭސްބުކް ޕޭޖް

މ. ކޮޅުފުށީ ބަނދަރު ސަރަޙައްދުގައި މަސްކަނޑާ 2 އަށި ހަދައިދޭނެ ފަރާތެއް ހޯދަން އެރަށު ކައުންސިލުން އިޢުލާންކޮށްފިއެވެ.

ކޮޅުފުށީ ކައުންސިލުން ވިދާޅުވީ އެކައުންސިލުން ފޯރުކޮށްދޭ މަޢުލޫމާތާއި އެއްގޮތަށް އެރަށު ބަނދަރު ސަރަޙައްދުގައި މަސްކަނޑާ 2 އަށި އަމިއްލަ ތަކެތީގައި ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވާކަމަށެވެ. މިމަސައްކަތާއި ގުޅޭގޮތުން މަޢުލޫމާތު ދިނުން 11 ޑިސެމްބަރ 2023 (ހޯމަ) ވަނަ ދުވަހުގެ 11:30 ގައި އެކައުންސިލްގެ ޖަލްސާކުރާ މާލަމުގައި އޮންނާނެއެވެ.

އަދި މީގެއިތުރުން އޮންލައިންކޮށް މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، 11 ޑިސެމްބަރ 2023 (ހޯމަ)ދުވަހުގެ 11:30 ގެ ކުރިން މަޢުލޫމާތު ސާފުކުރުމަށްފަހު ކުންފުނި / ވިޔަފާރީގެ ނަމާއި،ގުޅޭނެ ނަންބަރު އަދި އީ-މެއިލް އެޑްރެސް ބަޔާންކޮށް info@kolhufushi.gov.mv އަށް އީ-މެއިލް ކުރުމުން، މި މަސައްކަތާގުޅޭ މަޢުލޫމާތު އެފަރާތަކަށް 11 ޑިސެމްބަރ 2023 ވާ ހޯމަ ދުވަހުގެ 15:00 ގެ ކުރިން އީ-މެއިލް މެދުވެރިކޮށް ފޯރުކޮށްދޭނެއެވެ.

މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 14 ޑިސެމްބަރ 2023 ވާ ބުރާސްފަތި ދުވަހުގެ 11:30 ގައި ކޮޅުފުށީ ކައުންސިލުގެ ޖަލްސާކުރާ މާލަމުގައެވެ.  އަންދާސީ ހިސާބުތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައިކަމަށް ކައުންސިލުން ހާމަކުރެއެވެ.

މިމަސައްކަތަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނުގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

އަންދާސީ ހިސާބު ހުށަހެޅުމަށް، ވިޔަފާރީގެ ވެރިފަރާތުގެ ބަދަލުގައި ވަޑައިގަންނަވާ ބޭފުޅެއްނަމަ، ވެރިފަރާތުގެ ސިޓީއެއް ގެނައުމަށް ކައުންސިލުން އެދެއެވެ. އަދި އަންދާސީ ހިސާބު ހުށަހެޅުމަށް ގަޑިއަށް ވަޑައިނުގަންނަ ފަރާތްތަކުގެ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ކަމަށްވެސް ކޮޅުފުށީ ކައުންސިލުން ވިދާޅުވެއެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ