ފެލިވަރު
ފެލިވަރު

ދެކުނުގައި މަސް ބަންދުކުރާ ކާރުހާނާއެއް ތަރައްޤީކުރަނީ

ރާއްޖޭގެ ދެކުނުގައި، މަސް ބަންދުކުރާ 50 ޓަނުގެ ފެސިލިޓީއެއް ޤާއިމުކުރުމުގެ މަސައްކަތް ކުރައްވަމުންގެންދަވާ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަޙުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. މިފްކޯގެ ދަށުން މިވަގުތު މަސް ބަންދުކުރާ ކާރުހާނާއެއް ހުންނަނީ ފެލިވަރުގައި އެކަންޏެވެ.

ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަފުޅުދައްކަވަމުން، މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަޙުމަދު ޝިޔާމް ވިދާޅުވީ، ގަނޑުކުރި ރޯމަހުގެ ބަދަލުގައި ރޯ މަހުން ބާވަތްތައް އުފައްދާ އެއަށް އަގެއް އިތުރުކޮށް، ވިއްކުމަކީ ސަރުކާރުން ޚާއްސަ އިސްކަމެއް ދޭނެ ކަމެއްކަމަށެވެ.

އެގޮތުން މަސް ޕްރޮސެސްކުރުމަށް 50ޓަނުގެ ޕްލާންޓެއް ނުވަތަ، 25 ޓަނުގެ ދެ ޕްލާންޓް ބެހެއްޓުމަކީ ޢަމާޒުކަމަށް ވަޒީރު ވިދާޅުވިއެވެ. ރާއްޖޭގެ ދެކުނަކީ މަސްވެރިކަން ރަނގަޅު ސަރަޙައްދަކަށް ވުމާއެކު، އެކަމުގެ ބޭނުން ވަރަށް ބޮޑަށް އޮތްކަން ޝިޔާމް ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް، މިމަސައްކަތް ކުރިއަށްގެންދާނެ ވަކި ތަނެއް އަދި ސަރުކާރުން ނިންމަވާފައި ނުވެއެވެ.

"އެންމެ ދެކުނުން މަސް ބާނައިގެން ކޫއްޑުއާއި ހަމައަށް ގެންނަންވެސް 35-40 މޭލު ދުއްވަންޖެހުމުގެ ޝަކުވާ އެބައޮތް. އެދޭތެރޭގައި ރަނގަޅު ކަލެކްޝަން ފެސިލިޓީއެއް ބޭނުންވަނީ. ފިއޯރީ، ފަރެސްމާތޮޑާ، ވާދޫ ހިސާބުގެ ވާހަކަ މިބުނަނީ. ރަނގަޅު ހިސާބެއް ބަލާފައި، ވަރަށް އަވަހަށް ތަނެއް ނިންމާނަން. ފަންޑުވެސް ލިބިފައިވަނީ." ޝިޔާމް ވިދާޅުވިއެވެ.

ވަޒީރު ޝިޔާމް ވިދާޅުވީ، މަސް ދަޅުގެ އިތުރުންވެސް ރޯމަސް ޕްރޮސެސްކޮށް އާމްދަނީ ހޯދޭނެ އިތުރު ގޮތްތައް ބައްލަވާނެކަމަށެވެ. އެގޮތުން ބޭރުގެ މާކެޓްތަކުގައި ޑިމާންޑް އޮންނަ ބާވަތްތައް ދިރާސާކޮށް، މަސައްކަތްތައް ކުރައްވާނެކަމަށް ވިދާޅުވިއެވެ.

ރާއްޖޭގެ ދެކުނުގެ އިތުރުން، އެންމެ އުތުރުގައިވެސް މަސްވެރިންނަށް ފަސޭހައިން ޚިދުމަތް ލިބޭނެ އިންތިޒާމްތައް ހަމަޖައްސާވެނަކަަމަށް މަސްވެރިކަމާއިބެހޭ ވަޒީރު، ޝިޔާމް ވިދާޅުވިއެވެ.

މިފްކޯގައި މިވަގުތު ހުރީ ޅ. ފެލިވަރުގައި ހުންނަ 50ޓަނުގެ މަސް ޕްރޮސެސް ކުރެވޭ ފެސިލިޓީއެވެ. މިތަން މިހާރުވެސް ހުރީ އަޕްގްރޭޑުކުރަން ޖެހިފައެވެ. މީގެ ފަސްވަރަކަށް އަހަރު ކުރިން، މިތަނުގައި ޕެކެޓުގައި ޕްރޮސެސް މަސް ބަންދުކުރެވޭނެ 15 ޓަނުގެ ފެސިލިޓީއެއް ގާއިމްކުރެވުނު ނަމަވެސް އޭގެފަހުން އިތުރު މާބޮޑު މަސައްކަތެއް ކުރެވިފައެއް ނެތެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!