332494_09e08664-6_

މަސްވެރިންނަށް މިހާރު ނުދެވި ހުރީ 140 މިލިއަނެއްހާ ރުފިޔާ، އެ ފައިސާވެސް ވަރަށް އަވަހަށް ދެވޭނެ: ރައީސް

މަސްވެރިންނަށް މިހާރު ނުދެވި ހުރީ 140 މިލިއަނެއްހާ ރުފިޔާ ކަމަށާއި އެ ފައިސާވެސް ވަރަށް އަވަހަށް ދެވޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްއިން އިންތިޒާމުކޮށްގެން މީރުމާގައި އިއްޔެ ބޭއްވި "މަސްވެރިންގެ ގުންޒަރު 2023"ގައި ރައީސް ވިދާޅުވީ، އެމަނިކުފާނުގެ ވިސްނުންފުޅު ހުރީ މަސްވެރިކަން ވަރަށް ބޮޑަށް ކުރިއަށް ގެންދެވުމަށް ކަމަށެވެ.

އެގޮތުން، ރާއްޖޭގެ ހާއްސަ އިގްތިސޯދީ ސަރަހައްދުގެ ތެރެއިން ޖާގަ ލިބޭ އެންމެ ބޮޑު ސަރަޙައްދަކަށް މަސްވެރިކަން ފުޅާކުރެއްވުމާއި، ފެކްޓްރީތަކާއި ކޯލްޑް ސްޓޯރޭޖް ފަދަ ވަސީލަތްތައް ގިނަ ކުރެއްވުމާ، މަހުގެ އުފެއްދުންތައް އިތުރުކުރެއްވުމަށް ސަރުކާރުން އިސްކަން ދެއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މަސްވެރީންނަށް ސަރުކާރުން ނުދީ އެތައް ދުވަހެއް ވެފައިހުރި ފައިސާ، މި ސަރުކާރު ވެރިކަމާ ހަވާލުވެ މިވީ ތިން ހަފުތާގެ ތެރޭގައި ދެއްވަން ފަށްޓަވައިފިކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، މިހާރު މަސްވެރީންނަށް ނުދެވި ހުރީ 140 މިލިއަނެއްހައި ރުފިޔާ ކަމަށެވެ.

ރައީސް ވިދާޅުވީ، އެ ފައިސާވެސް ވީ އެންމެ އަވަހަކަށް މަސްވެެރީންނަށް ދޫކުރުމުގެ މަސައްކަތް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން މިހާރު ކުރަމުން އަންނަ ކަމަށެވެ.

މި ސަރުކާރުން މިހާތަނަށް ވަނީ މަސްވެރިންނަށް 136 މިލިއަން ރުފިޔާ ދޫކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!