މަސްވެރިކަމުގެ މައުލޫމާތު ފޯރުކޮށްދިނުމަށް، މަސްވެރިން އެމްވީކުރާ މަސައްކަތުގެ އަގުވަޒަންކޮށްފި

409386655_2109158206094651_6268822611926441016_n

މަސްވެރިކަމުގެ މައުލޫމާތު ފޯރުކޮށްދީ މަސްވެރިކަން ޕްރޮމޯޓުކުރުމުގައި އަގުހުރި ހިދުމަތެއްކޮށްދެއްވައިފައިވާތީ، އެކަމުގެ އަގު ވަޒަންކޮށް، މަސްވެރިން އެމްވީއަށް ހަދީނީ ފިލައެއް ހަވާލުކޮށްފިއެވެ.

މަސްވެރިންގެ ދުވަހުގެ ޖަލްސާގައި އެކި ދާއިރާތަކުން ވަނީ އަގުވަޒަން ކުރުމަށް އެވޯޑުތަކާއި ހަދަނީ ފިލާތައް ހަވާލުކޮށްފައެވެ.

އެގޮތުން މަސްވެރިން އެމްވީއިން ކުރަމުންދާ މަސައްކަތްތަކުގެ އަގުވަޒަންކޮށް، ވަނީ ހަދާނީ ފިލާއެއް އަރުވާފައެވެ. މަސްވެރިން އެމްވީގެ ފަރާތުން މި ހަދީނީ ފިލާއާއި ހަވާލުވީ، މި ނޫހުގެ މެނޭޖަރ އަޖުވަދު އަބްދުއް ރަހީމެވެ.

މަސްވެރިން އެމްވީ އަކީ މަސްވެރިކަމާ ބެހޭ ފުރިހަމަ މައުލޫމާތާއި ހަބަރު އެއްފުރާޅެއްގެ ދަށުން ލިބޭނެ ގޮތް ހެދުމުގެ މަތިވެރި މަގުސަދުގައި 23 ސެޕްޓެމްބަރ 2020 ވަނަ އަހަރު އިފްތިތާހު ކުރެވުނު ނޫހެކެވެ. މަސްވެރިން އެމްވީ އަކީ ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާއަށް ޚާއްސްކޮށްގެން ހިންގަމުންދާ ހަމައެކަނި ނޫހެވެ.

މި ނޫހުން މަސްވެރިންނާއި މަސްވެރިކަމާ ގުޅޭ މައުލޫމާތު ޝާއިއު ކުރަން ފެށިފަހުން، ފާއިތުވި 3 އަހަރު ދުވަހުގެ ތެރޭގައި މަސްވެރިކަމުގެ އާންމު މައުލޫމާތުތަކާއި މަސްވެރިންގެ ކަންބޮޑުވުންތައް ދަނީ ހިއްސާކުރަމުންނެވެ. މަސްވެރިކަމުގެ ބާވަތްތަކާއި ރާއްޖޭގައި އުޅޭ ބައެއް މަސްމަހާމެހީގެ މައުލޫމާތާއި މަސް ދޯނިތަކުގެ މައުލޫމާތުވެސް ދަނީ ލިޔެ ޝާއިއުކުރަމުންނެވެ.

ރާއްޖޭގައި ކުރެވޭ އެކި ބާވަތުގެ މަސްވެރިކަމާއި، އެކި ސަރަހައްދުތަކުގައި މަސްވެރިކަން ކުރެވޭ ގޮތްތަކާއި ގުޅޭ މައުލޫމާތުވެސް މަސްވެރިން އެމްވީގައި ދަނީ ހިއްސާކުރަމުންނެވެ. މީގެ އިތުރުންވެސް މަސްވެރިކަމުގެ ގާނޫނާއި ގަވާއިދުތަކާއި ގުޅޭ ގޮތުން މަސްވެރިންނަށް ބޭނުންވާ މައުލޫމާތުތައް ގެނެސްދިނުމުގައި މަސްވެރިން އެމްވީ ދަނީ ނުހަނު ބޮޑު ދައުރެއް އަދާކުރަމުންނެވެ. ހަމައެހެންމެ މަސްވެރިކަމުގައި ދިމާވާ އެކި ހާދިސާތަކުގެ މައުލޫމާތު ގެނެސްދިނުމާއި މަސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތައް ހޭލުންތެރި ކުރުވުމުގެ ގޮތުން އާންމުކޮށް ދިމާވާ މައްސަލަތާކާއި އެ ފަދަ މައްސަލަތައް މަދު ކުރުމަށް ކުރެވިދާނެ ކަންކަމާއި ގުޅޭ ގޮތުންވެސް މަސްވެރިން އެމްވީއިން ދަނީ މައުލޫމާތު ހިއްސާކުރަމުންނެވެ.

މަސްވެރިކަމާއި ގުޅޭ ގިނަ މައުލޫމާތުތަކެއް އެއްތަނަކުން ބަލާލެވޭ ގޮތަށް ހިންގަމުންދާ މަސްވެރިން އެމްވީގެ އުންމީދަކީ، މި ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައިވެސް މަސްވެރިންގެ ހިދުމަތުގައި މަސްވެރިންނާ ގާތުން މަސައްކަތްކޮށް މަސްވެރިކަމުގެ ސިނާއަތުގެ މަލަމަތި ރީތިކޮށް އެ ސިނާއަތަށް މީހުން ލޯބި ޖެއްސުމެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ