މަސްވެރިކަމަށް ނިކުމެ އުޅުނު މަސް ދޯންޏަކުން ހާލުދެރަވި މީހަކަށް އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
އެމްއެންޑީއެފުން ބުނީ ގދ.ތިނަދޫއާ 9 ނޯޓިކަލް މޭލު ބޭރުން މަސްވެރިކަމަށް ނުކުމެއުޅުނު "އިޓަސްހަންޑާ" ދޯނިން ޑައިވްކުރި ފަޅުވެރިއަކު ހާލުދެރަވެގެން ޞިއްޙީ އަވަސް ފަރުވާއަށް އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފޯތު ސްކޮޑްރަންއިން ގދ.ތިނަދޫއަށް ގެންގޮސްދީފައިވާ ކަމަށެވެ.
ޑައިވް ކުރުމުގެ ތެރޭގައި ހިތާމަވެރި ހާދިސާތައް ހިނގާއިރު، ސަލާމަތީގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ނޭޅުމަކީ މީގެ އެންމެ ބޮޑު އެއް ކަންބޮޑުވުމެވެ.
ޑައިވްކުރުމުގެ ތެރޭގައި މަސްވެރިންނަށް ކުރިމަތިވާ ހިތާމަވެރި ޙާދިސާތައް މަދުކުރުމުގެ މަޤްޞަދުގައި ދިވެހިރާއްޖޭގައި މަސްވެރިކަން ކުރާ ކޮންމެ އުޅަނދެއްގައި ހަރަކާތްތެރިވާ ފަޅުވެރިންގެ ތެރެއިން މަދުވެގެން 1 (އެކެއް) ފަޅުވެރިޔަކީ "ރެސްކިޔު ޑައިވަރ" ފެންވަރުގެ ސަނަދެއް ހާސިލްކޮށްފައިވާ ފަރާތެއް ކަމުގައި ހެދުމަށްޓަކައި، ރެސްކިޔު ޑައިވަރ ޕްރޮގްރާމެއް ފެށުމަށް ސަރުކާރުން ދަނީ ތައްޔާރުވަމުންނެވެ.