މަސްވެރިކަމާއި ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ހއ. އުތީމު ކައުންސިލް މެމްބަރުންނާ ބައްދަލުކުރައްވައިފިއެވެ.
ފިޝަރީޒް މިނިސްޓްރީގައި ބޭއްވި މި ބައްދަލުވުމުގައި މަސްވެރިކަމާއި ބެހޭ ވުޒާރާގެ އިސްވެރިން ބައިވެރިވެފައިވެއެވެ.
އުތީމު ކައުންސިލްގެ ފަރާތުން ވަނީ އެ ރަށުގެ މަސްވެރިންނަށް ހުރި ދަތިތައް ވަޒީރާއި ހިއްސާކޮށްފައެވެ. އެގޮތުން އުތީމުގެ ޒުވާނުންނަށް ވަދު ކަނދުފައްޗެއް ގާއިމުކޮށްދިނުމަށް އެދިފައިވެއެވެ. އަދި އުތީމުގެ ފަރުމަސްވެރިކަން ކުރާ ފަރާތްތަކުން ބާނާ މަސް ފަސޭހައިން ވިއްކޭނެ އިންތިޒާމެއް ހަމަޖައްސައި ދިނުމަށްވެސް ކައުންސިލުން ވަނީ އެދިފައެވެ.
މީގެއިތުރުން، މަހުގެ ބާވަތްތައް އުފައްދާ ފަރާތްތަކަށް ފަންނީ އަދި މާލީ އެހީތެރިކަން ހޯދުމާ ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ.
މަސްވެރިކަމާއި ބެހޭ ވަޒީރު ޝިޔާމް ގެންދަވަނީ އެކި ރަށްރަށުގެ ކައުންސިލްތަކާއި ބައްދަލުކޮށް، އެރަށްރަށުގެ މަސްވެރިންނަށް ހުރި ގޮންޖެހުންތައް ބަލާ، އެކަންކަމަށް ހައްލު ހޯދައިދިނުމަށް މަސައްކަތްކުރައްވަމުންނެވެ.