މިޔަރު ހިމާޔަތްކުރުމަށް މުޅި ދުނިޔޭގައިވެސް ގިނަ މަސައްކަތްތަކެއް ކުރަމުން ދިޔަ ނަމަވެސް، އިންސާނުން ކޮންމެ އަހަރަކުވެސް އެވްރެޖްކޮށް 80 މިލިއަން މިޔަރު މަރާކަމަށް ސައިންސް މެގަޒިން އިން ރިޕޯޓުކޮށްފިއެވެ.
މި އަދަދު ކުރިމަގުގައި އިތުރުވެގެންދާނެ ކަމަށް ލަފާކުރެވޭއިރު، ސައިންސްވެރިންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ދުނިޔެއިން ނެތި ހިނގައިދާނެކަމުގެ ބިރު ހީވެފައިވާ މިޔަރުގެ ބާވަތްތައްވެސް މީގެތެރޭގައި ހިމެނޭކަމެވެ. މިއާ އެކު މިޔަރު ހިމާޔަތްކުރުމަށް އިތުރު މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ކަމަށް ސައިންސްވެރިން ހާމަކުރެއެވެ.
ދާދިފަހުން ޝާއިރުކޮށްފައިވާ ތަފާސްހިސާބުތައް ބަލާފައިވަނީ 2012 އިން 2019ވަނަ އަހަރާއި ހަމައަށެވެ. އެގޮތުން 2012ވަނަ އަހަރު 76 މިލިއަންގައި މި އަދަދު ހުރި އިރު 2017ގައި މި އަދަދުވަނީ 80 މިލިއަނަށް އުފުލިފައެވެ. މީގެތެރެއިން 25 މިލިއަން މިޔަރަކީ ދުނިޔެއިން ނެތި ހިނގައިދާނެކަމުގެ ބިރު ހީވެފައިވާ މިޔަރުގެ ބާވަތްތަކެވެ.
މި ދިރާސާގައި ވަނީ 150 ގައުމަކުން މައުލޫމާތު އެއްކޮށްފައެވެ. އަދި ދާއިރާގެ މާހިރުންގެ އިންޓަރވިއުތައްވެސް ނަގާފައިވެއެވެ.
މި ދިރާސާގައި އިސްކޮށް އުޅުނު ކެނެޑާގެ ޑަލްހައުސީ ޔުނިވަރސިޓީގެ މެރިން އިކޮލޮޖިސްޓު، ބޮރިސް ވޯމް ބުނީ މި ދިރާސާއެއް އެންމެ ކޮލިޓީ ޑޭޓާތައް އެއްކުރުމަށް ގިނަ މަސައްކަތްތަކެއް ކުރިކަމަށެވެ.
އޭނާ ފާހަގަކުރިގޮތުގައި މިޔަރުގެ މަސްވެރިކަންވެސް އިތުރުވަމުންދާ ކަމަށާއި، މީގެ މައިގަނޑު އެއް ސަބަބަކީ މިޔަރު މަހަށް ދުނިޔޭގައި އޮންނަ ޑިމާންޑު އިތުރުވަމުން ދިޔުން ކަމަށެވެ. އަދި މިއީ ދުނިޔެއިން އެކަމާއި އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމެއްކަން ބޮރިސްވަނީ ފާހަގަކޮށްފައެވެ.