ބަންގްލަދޭޝްއިން އެކްސްޕޯޓުކުރާ ހިކި މަހުގެ އަދަދު ވަރަށް ބޮޑަށް އިތުރުވެއްޖެއެވެ.
އެޤައުމުގެ އެކްސްޕޯޓު ޕްރޮމޯޝަން ބިއުރޯގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރުގެ ޖުލައި އިން ޑިސެމްބަރުމަހުގެ ނިޔަލަށް ހިކި މަސް އެކްސްޕޯޓުކޮށްގެން 2.55 މިލިއަން ޑޮލަރުވަނީ ލިބިފައެވެ. މީގެތެރެއިންވެސް ޑިސެމްބަރުމަހުއެކަނިވެސް ހިކިމަސް އެކްސްޕޯޓުކޮށްގެން 1.43 މިލިއަން ޑޮަލަރު ލިބިފައިވެއެވެ.
ބަންގުލަދޭޝުން އާއްމުގޮތެއްގައި ހިކި މަސް އެކްސްޕޯޓުކުރަނީ ހޮންގްކޮންގް، ސިންގަޕޫރު، އިންޑިއާ، ސައުތު ކޮރެއާ، އެމެރިކާ އަދި ތައިލޭންޑަށެވެ.
ބަންގްލަދޭޝްގެ ޑިޕާޓުމަންޓު އޮފް ފިޝަރީޒްއިން ހާމަކުރާގޮތުގައި އެޤައުމުގައި ބާނާ މަހުގެ 15 އިންސައްތަ ހިކި މަހަށް ހަދައެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން ކޮންމެ އަހަރެއްގައިވެސް އެވްރެޖްކޮށް 71.72 މިލިއަން ޑޮލަރުގެ ހިކި މަސް ބަންގްލަދޭޝުން ބޭރުކުރެއެވެ. މަހުގެ ކޮލިޓީ ހިފެހެއްޓިފައިވުމާއި އެކު ބަންގްލަދޭޝުގެ ހިކި މަހަށް ދުނިޔޭގެ ބާޒާރުގައި އޮންނަ ޑިމާންޑު އިތުރުވަމުންދާ ކަމަށް ހިކި މަހުގެ ވިޔަފާރިކުރާ ފަރާތްތަކުން ބުނެއެވެ.